ހަލާލް ޓޫރިޒަމަށް ވަކި ރަށްތަކެއް ތަރައްގީކުރަން އިންވެސްޓަރުންނަށް ހާއްސަ ލުއިތަކެއް ދެނީ

ހަލާލް ޓޫރިޒަމަށް ވަކި ރަށްތަކެއް ތަރައްގީކުރަން ކަނޑައަޅައި އެކަމަށް އިންވެސްޓްކުރާ ފަރާތްތަކަށް ހާއްސަ ލުއިތަކެއް ދިނުމަށް ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފި އެވެ.
އެމަނިކުފާނު އެކަން އިއުލާނު ކުރެއްވީ މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ރައީސް ވިދާޅުވީ ރާއްޖެއަކީ ދެމެހެއްޓެނިވި ގޮތެއްގައި ޓޫރިޒަމް ސިނާއަތް ކުރިއެރުވުމުގަ އާއި ހާއްސަކޮށް ޓޫރިސްޓުންނަށް މެހެމާންދާރީ އަދާކުރުމުގައި އެހެން ގައުމުތަކަށް ނަމޫނާ ގައުމެއް ކަމަށެވެ.
އެ ނަމޫނާ އާއެކު ސަރުކާރުން މިހާރު އަމާޒު ހިފާފައި ވަނީ ހަލާލް ޓޫރިޒަމްގައި ބައިނަލްއަގުވާމީ ފެންވަރުގައި އިސް ސަފުގައި ފައިހަމަކޮށް، އެ ދާއިރާއިން އެންމެ މަތީ މިންގަނޑެއްގެ ގޮތުގައި ބަލާ ގައުމަކީ ރާއްޖެ ކަމުގައި ހެދުމަށް ކަމުގައި ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެކަން ކުރުމަށް ހަލާލް ޓޫރިޒަމަށް ހާއްސަކޮށް ވަކި ރަށްތަކެއް ކަނޑައަޅަން ނިންމާފައިވާ ކަމުގަ އެވެ. އަދި އެ ރަށްތައް ތަރައްގީކުރަން އިންވެސްޓްކުރާ ފަރާތްތަކަށް ސަރުކާރުން ބޮޑެތި އިނާޔަތްތަކެއް ދޭނެ ކަމުގަ އެވެ.
މިއީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ސިންދަފާތުކޮށް ތަރައްގީ ކުރުމުގައި ލިބޭނެ ބޮޑު އެހީތެރިކަމެއް ކަމުގައި ފާހަގަކުރައްވައި ރައީސް ވިދާޅުވީ އަންނަ ހަފުތާގައި ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީން ކަމާ ގުޅޭ ތަފުސީލުތައް އާންމުކުރާނެ ކަމަށެވެ.
ރާއްޖެ އޮންނާނީ އިންވެސްޓްމެންޓުތަކަށް ހުޅުވާލާފައި ކަމަށާއި ދުނިޔޭގެ އެކި ސަރަހައްދުތަކުން އަންނަ އިންވެސްޓަރުންނަށް މަރުހަބާ ކިޔާނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.
