އުރީދޫ ފަން ރަން: ތިން ހާހަށް ވުރެ ގިނަ ބައިވެރިންނާ އެކު އައްޑޫގައި ކުރިއަށް

އުރީދޫން އައްޑޫ ސިޓީގެ މަރަދޫގައި ބާއްވާ "ފަން ރަން 2025" ގައި ތިން ހާހަށް ވުރެ ގިނަ މީހުން ބައިވެރިވެއްޖެ އެވެ.
އުރީދޫ ފަން ރަންއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން އެތައް ހާސް މީހުންނެއް ބައިވެރިވާ، އިޖުތިމާއީ އަދި ދުޅަހެޔޮކަމުގެ އީދެކެވެ. މިދިޔަ އަހަރު ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ދުވުމުގައި 6،500 އަށް ވުރެ ގިނަ މީހުން ވަނީ ބައިވެރިވެފަ އެވެ.
އައްޑޫގެ މަރަދޫ ހާބަރު ސަރަހައްދުގައި މިހާރު ކުރިއަށްދާ ދުވުމުގައި ތިން ހާހަށް ވުރެ ގިނަ މީހުން ވަނީ ބައިވެރިވެފަ އެވެ.
ދުވުން ފަށާފައި ވަނީ އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު އާއި ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު އާއެކު އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި އެމްޑީ ހާލިދު އަލް ހަމާދީ އާއި ސީސީއޯ ހުސެއިން ނިޔާޒް އަދި ހެޑް އޮފް ކަސްޓަމާ ކެއާ ދިޔާނާ އަފީފް ނެގި ސެލްފީއަކުންނެވެ.

މި ހަރަކާތަކީ ހަ އަހަރުން މަތީގެ ހުރިހާ އެންމެނަށް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދާ އާއިލާ އާއި ރައްޓެހިންނާ އެކު ބައިވެރިވެ، ހިތްގައިމުކަމާ އެކު ގުޅުން ބަދަހިކުރެވޭ ދުވުމެކެވެ. އައްޑޫ ސިޓީގެ މަގުތަކަށް ކުލަ އާއި އުފާވެރިކަމާއި ހަކަތަ ގެނެސްދޭނެ އީދަކަށް މި ދުވުން ވާނެ ކަމަށް އުރީދޫން ބުނެ އެވެ.
އުރީދޫ ފަން ރަންއަކީ ފިޓްނަސް އަދި މަޖަލާ އެކުގައި ބާއްވާ އެންމެ އުފާވެރި ފަސް ކިލޯމީޓަރުގެ ދުވުމެކެވެ. އެ ކުންފުނިން ބުނެފައި ވަނީ ދުވުންތެރިންނަށް މަގުމަތީގައި ކުލަ ޖެހުމާއި މިއުޒިކާ އަދި އިންފްލެޓޭބަލް ސްޓޭޝަންތަކާ އެކު ކުރިއަށްދާ މި ދުވުމަކީ އާއިލާތަކާއި ރައްޓެހިން ގުޅާލައި، އެކުގައި އުޅެވޭނެ ކާނިވަލެއް ފަދަ މާހައުލެއް ގާއިމުކުރެވިގެންދާނެ ފަދަ ދުވުމެއް ކަމަށެވެ.
އަލަށް ދުވާ ފަރާތްތަކާއި އާންމުކޮށް ދުވާ ފަރާތްތަކަށް ވެސް ބައިވެރިވެވޭ މި ދުވުމުގެ އަމާޒަކީ ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުމެވެ. އެގޮތުން:
- އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި، ކުލައިގެ އިތުރުން ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެ
- މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ ހިނގާފައި، ޖޮގްކޮށްފައި، ދުވެފައި ނޫނީ ނަށަމުން ވެސް މި ދުވުން ނިންމިދާނެ
