ފައިނު އެކްސިޑެންޓުގައި އަނިޔާވި ދެ ކުޑަކުދިންނާއި ޓީޗަރު ވެންޓިލޭޓަރުގައި

ރ. ފައިނުގައި ބުރާސްފަތި ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ތިން މީހަކަށް އައިޖީއެމްއެޗުގެ ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާދޭން ފަށައިފި އެވެ.
އެކްސިޑެންޓް ހިނގީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ހިނގާފައި ދިޔަ ދެ މީހެއްގެ ގައިގައި ޖެހިގެންނެވެ. މައުލޫމާތު ލިބޭ ގޮތުން ސައިކަލުގައި ތިބީ 18 އަހަރުން ދަށުގެ ކުއްޖަކާއި ފައިނު ސްކޫލުގެ ދަރިވަރެކެވެ. ސައިކަލުން ޖެހިފައި ވަނީ ކަސްރަތަށް ހިނގަން ނިކުމެ އުޅުނު އެ ސްކޫލުގެ ޕްރިންސިޕަލާއި ޓީޗަރެއްގެ ގައިގަ އެވެ.
އެކްސިޑެންޓުގައި އަނިޔާވި މީހުންނަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ފަރުވާދިނުމަށް ފަހު މާލެ ގެނެސް މިހާރު އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާދެމުންދާކަން އެ ހޮސްޕިޓަލުން ވަނީ ޔަގީންކޮށްދީފަ އެވެ.
ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނީ ޕްރިންސިޕަލް ފިޔަވައި ދެން ތިބި 3 މީހުންނަށެވެ.
