އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ތުރުކިޔޭގެ ވަފުދާ އެކު މަޝްވަރާކޮށްފި

އެކި ދާއިރާތަކުން ރާއްޖެ އާއި ތުރުކިޔޭ އާ ދެމެދު ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން އެ ގައުމުގެ ގްރޭންޑް ނޭޝަނަލް އެސެމްބްލީގެ ހާއްސަ ވަފުދާ އެކު ރައީސް ޑރ. މުހަައްމަދު މުއިއްޒު މަޝްވަރާ ކުރައްވައިފި އެވެ.
އެ މަޝްވަރާތައް ކުރައްވާފައި ވަނީ އެ ވަފުދުން ރައީސްގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގަ އެވެ. އެ ވަފުދުގައި ތުރުކިޔޭ-ރާއްޖެ އިންޓަޕާލަމެންޓަރީ ފްރެންޑްޝިޕް ގްރޫޕުގެ މެމްބަރުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.
މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި އެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އިންޓަޕާލަމެންޓަރީ ފްރެންޑްޝިޕް ގްރޫޕަށް މަރުހަބާ ދަންނަވައި، ސަރުކާރު އެކި އިދާރާތަކާ ގުޅިގެން މަސައްކަތް ކުރެއްވުމަށް ދައުވަތު ދެއްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެ ގްރޫޕުގައި ގިނަ ޕާޓީތައް ތަމްސީލުވާތީ އެކަމާ އުފާފުޅުކުރައްވާކަން ހާމަކުރައްވައި، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން އެމަނިކުފާނު ވަނީ ބިނާކުރަނިވި މަޝްވަރާތަކެއް ކުރައްވާފައިވާކަން ފާހަގަކުރި އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ބައްދަލުވުމުގައި ފަލަސްތީނުގެ މައްސަލައިގައި ތުރުކިޔޭއިން ގެންގުޅޭ ސިޔާސަތަށް ރާއްޖެއިން ތައުރީފުކުރާކަން ރައީސް ހާމަކުރެއްވި ކަމުގަ އެވެ. އަދި މި މައްސަލައިގައި ރާއްޖެއިން ވެސް އެފަދަ ހަރުދަނާ ސިޔާސަތެއް ގެންގުޅޭކަން ފާހަގަކުރެއްވި ކަމުގަ އެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމަށް ގައުމީ ފެންވަރުގައި ކުރެވޭ މުހިންމު މަސައްކަތްތަކުގެ ތަފުސީލަށް އަލިއަޅުއްވާލެއްވި ކަމުގަ އެވެ. އެގޮތުން އިގުތިސޯދީ އިސްލާހީ މަސައްކަތްތަކާއި ތިމާވެއްޓަށް އަންނަ ނޭދެވޭ ބަދަލުތަކާ ކުރިމަތިލުމަށް ހިންގާ ޕްރޮގްރާމުތަކާ އަދި އިއާދަކުރަނިވި ހަކަތައަށް ކުރެވޭ އިންވެސްޓްމަންޓާ ބެހޭ މައުލޫމާތު ރައީސް ވަނީ ވަފުދާ ހިއްސާ ކުރައްވާފައި ކަމަށް އެ އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ ތުރުކިޔޭގެ ވަފުދުގެ ވާހަކަތަކުގައި މަތީ ތައުލީމާއި ފަތުރުވެރިކަމާ އަދި ދަނޑުވެރިކަމުގެ ދާއިރާ ފަދަ ދާއިރާތަކުގައި އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރި ކަމަށެވެ. އަދި އިގުތިސޯދީ ގުޅުންތައް ހަރުދަނާކޮށް، ވިޔަފާރީގެ ގުޅުންތައް ކުރިއެރުވުމުގެ ބޭނުންތެރިކަމުގެ މައްޗަށް އަލިއަޅުވާލި ކަމަށެވެ. އޭގެ އިތުރުން ރާއްޖެއަކީ އުހުއްވަތްތެރި، މުސްލިމް ގައުމަކަށްވުމާ އެކު ގާތްގުޅުންތައް ބޭއްވުމާއި ރާއްޖެ އާއެކު މަސައްކަތް ކުރުމަކީ ފަހުރެއް ކަމުގައި ދެކޭ ކަމަށް ވަފުދުގެ ބޭފުޅުން ފާހަގަކުރެއްވި ކަމަށެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައި ވަނީ ރާއްޖެ އާއި ތުރުކިޔޭ އާ ދެމެދު އޮތް ދުވަސްވީ ރަހުމަތްތެރިކަން އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެއްވަމުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.