ޚަބަރު

ޒިންމާދާރުކަމެއް ނެތް ލިޔުންތެރިކަމުން ގައުމުތަކަށް ބޮޑެތި ގެއްލުން ލިބޭ: ރައީސް

. ، ދެން އޮންލައިން
ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސް އޮފީހުގައި

ޒިންމާދާރުކަމެއް ނެތް ލިޔުންތެރިކަމުން ޤައުމުތަކަށް ބޮޑެތި ގެއްލުން ލިބެމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ދިވެހި ލިޔުންތެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތޯބުގައި ރައީސް ވިދާޅުވީ ރާއްޖެ ބިނާކުރުމުގައި ދިވެހި ލިޔުންތެރީން ވަނީ ޒިންމާދާރު މުހިންމު މަސައްކަތްތަކެއް ކޮށްފައި ކަމަށެވެ. ދީނީ އިލްމުވެރީން ދީނީ ރޮނގުން، އަދަބީ އިލްމުވެރީން އަދަބީ ރޮނގުން ކަމަށެވެ. ތާރީހު އިލްމުވެރީން ތާރީހީ ރޮނގުން ކަމަށް ވިދާޅުވި އެވެ. އަދި ނޫސްވެރީންނާއި ސިޔާސީ ބޭފުޅުން އެދެ ދާއިރާއިންނެވެ.

ލިޔުންތެރިކަމަކީ އަމާނާތެކެވެ. ލިޔުންތެރީންގެ ފިކުރުތަކާއި ހިޔާލުތަކުން ގައުމުތައް ބިނާކުރެވެއެވެ. ހަމަ އެހެންމެ ޒިންމާދާރުކަމެއް ނެތް ލިޔުންތެރިކަމުން ގައުމުތަކަށް ބޮޑެތި ގެއްލުން ލިބެމުންދެއެވެ.

ރައީސް މުއިއްޒު ވިދާޅުވީ ދިވެހި ލިޔުންތެރިކަމުގެ ދައުރު އިތުރަށް ފުޅާވެ ތަނަސްވެއްޖެ ކަމަށާއި، ލިިޔުންތެރީންގެ ދީނީ ގައުމީ ޒިންމާއާއި މަސްއޫލިއްޔަތު އެތައް ގުނަޔަކަށް މުހިންމު ވެއްޖެ ކަމަށެވެ.

ދީނީގޮތުން ބަލާއިރު، ދިވެހީންގެ އަގީދާއާއި އަދަބު އަހްލާގު ހަރުދަނާކުރުމުގައި ލިޔުންތެރީންގެ އެހީތެރިކަން މި ގައުމަށް ބޭނުންވާ ކަމަށާއި އިޖުތިމާއީ ގޮތުން ބަލާއިރު، ދޭދޭ ގުޅުންތަކާއި، މުޖުތަމައުގެ ހަމަޖެހުން ގާއިމުކުރުމުގައި ލިޔުންތެރީންގެ އަމާނާތްތެރިކަން ބޭނުންވާ ކަމަށް ވިދާޅުވި އެވެ.

އިގުތިސާދީ ދާއިރާއަށް ބަލާއިރު، އާ ފުރުސަތުތައް ތަޢާރަފުކުރުމާއި، ޒުވާން ޖީލު މަސައްކަތްތެރި ދުނިޔެއަކަަށް ލޯ ހުޅުވައި ދިނުމުގައި ލިޔުންތެރީންގެ ލިޔުންތައް މުހިންމު ކަމަށާއި ސިޔާސީ ގޮތުން ބަލާއިރު، މި ޒަމާނުގައި ވެރިކަމަށް އަންނަނީ ލިޔެވޭ މެނިފެސްޓޯއެއްގެ އެހީގައިކަން ރައީސް ފާހަގަކުރެއްވި އެވެ.

އަދި އެ މެނިފެސްޓޯ އެކުލަވައިލުމާއި، ރައްޔިތުންނަށް އޮޅުންފިލުވައި ދިނުމާއި، ގައުމީ އެކިއެކި މައްސަލަތަކާއި ހާލަތްތައް ހެޔޮގޮތުގައި ތެދުވެރިކަމާއެކު ރައްޔިތުންނަށް ވިސްނައިދިނުމުގައި ވެސް އެންމެ އިސް ދައުރެއް އަދާކުރެވޭނީ ލިޔުންތެރީންނަަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ހަމަ އެހެންމެ ސިޔާސީ ގޮތުން، އެކި ދައުލަތްތަކާއި، ބައިނަލްއަގްވާމީ ޖަމާއަތްތަކާއި، އަމިއްލަ ގައުމާ ދެމެދު އޮންނަ ގުޅުންތައް ބަދަހިކުރުމާއި، ހުރިހައި މާނައެއްގަައި މަސްލަހަތު ހިފެހެއްޓުމުގެ ގައުމީ ބޮޑު ޒިންމާ އަދާކުރެވޭނީ ވެސް ލިޔުންތެރީން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ދިވެހި ލިޔުންތެރިކަމުގެ ދުވަސް ފާހަގަކުރެވެނީ ރާއްޖޭގައި ފުރަތަމަ މަޖައްލާއެއް ނެރުނީ 1933 ވަނަ އަހަރުގެ ޖުލައި މަހުގެ 8 ވަނަ ދުވަހު ކަމަށް ވާތީ އެވެ. އެ މަޖައްލާގެ ނަމަކީ ''އަލްއިސްލާހު'' އެވެ. އެ މަޖައްލާ ބުނާ ގޮތުން އެ މަޖައްލާގެ މަގުސަދަކީ ތަފާތު އެކި ދާއިރާތަކުން ރާއްޖެ އިސްލާހުކުރުމެވެ.

Ads by Allied Insurance
  1. މިނިސްޓްރީ އޮފް ހިމާރު

    ޒިންމާދާރުކަމެއް ނެތް ސަރުކާރަކުން ލިބޭނީ ކޯޗެއްތޯ

  2. ފަރުމަސް

    ގައުމަށް އެންމެ ބޮޑު ގެއްލުމެއްވަނީ، ވައްކަނާ، ކަރަޕްޝަނާ. ޑްރަގްގެ މައްސަލައަށް ހައްލެއް ނުލިބި، އަދްލު އިންސާފު ނެތެމުންދާތީ،