ޚަބަރު

ދާއިމީ ބަލިތަކަށް ބޭސްކުރާ މީހުންގެ ދަފްތަރެއް އެކުލަވާލަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް / ފޮޓޯ:ހެލްތް މިނިސްޓްރީ

ދާއިމީ ބަލިތަކަށް ބޭސްކުރާ މީހުންގެ ހާއްސަ ދަފުތަރެއް އެކުލަވާލަމުންދާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

Ads by STELCO

މިނިސްޓަރު މިހެން ވިދާޅުވީ ރޭ ބޭއްވި "އަހާ" ފޯރަމްގައި ބޭސްފަރުވާ ލިބުމުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުން ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ، ދާއިމީ ބަލިތަކަށް ބޭސްކުރާ މީހުންނަށް ބޭސް ލިބުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ. އަދި އެކަން ހައްލުކުރުމަށް ދާއިމީ ބަލިތަކަށް ބޭސްކުރާ މީހުންގެ ދަފުތަރެއް އެކުލަވާލައި، އެމީހުންނަށް ބޭސް ފޯރުކޮށްދިނުމަށް ވަކި ހާއްސަ މަރުކަޒެއް ގާއިމުކުރުމަށް ނިންމަވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަދި އެ މައްސަލައަށް ވަގުތީ ހައްލެއްގެ ގޮތުން މާލެއާއި އަތޮޅުތަކުގެ ބޮޑެތި ހޮސްޕިޓަލްތަކުން ބޭސް ދޫކުރުމުގެ މަސައްކަތް ފަށާފައިވާކަމަށާއި އެ ނިޒާމުގެ ދަށުން، ބަލިމީހާ ހިދުމަތް ހޯދާ ހޮސްޕިޓަލަކުން ބޭސް ފޯރުކޮށްދެވޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، އެސްޓީއޯގެ ބޭހުގެ ސަޕްލައި އިތުރުކުރުމަށާއި ބޭހުގެ ކަންކަން ރަނގަޅުކުރުމަށް ގަވަނެންސް ހަރުދަނާކުރުމުގެ މަސައްކަތްތައް ވެސް ކުރިއަށްދާ ކަމަށެވެ. އަދި ބޭހުގެ މަސައްކަތް ބަލަހައްޓާ މުވައްޒަފުން އިތުރުކޮށް، އެ މުވައްޒަފުން އިތުރަށް ހުނަރުވެރިކޮށް ގާބިލުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

Ads by Allied Insurance