ޒާރާ އާއި ސިޔާމްގެ ކައިވެނި ރޫޅާލައިފި

މޯލްޑިވްސް ޑިވޮލޮޕްމަންޓް އެލަޔަންސް(އެމްޑީއޭ)ގެ ލީޑަރު އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދުއާއި ނެށުންތެރިޔާ އައިމިނަތު ޒާރާގެ ކައިވެނި ރޫޅާލައިފި އެވެ.
ސިޔާމްއާއި ޒާރާ ކައިވެނި ބައްލަވައިގެންނެވީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ.
ނަމަވެސް ސިޔާމްގެ އެމްޑީއޭގައި އިސްކޮށް އުޅުއްވާ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް މިއަދު ފޭސްބުކުގައި ވިދާޅުވީ އެ ކައިވެނި ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.
އައްބާސް ވިދާޅުވީ އެ ކައިވެންޏަކީ އެކަކު އަނެކުން ދެކެ ލޯބި ވެގެން ކުރެވިގެން ދިޔަ ކައިވެންޏެއް ކަމަށާއި އަދި އެ ކައިވެނި ރޫޅާލާފައި ވަނީވެސް އެކަކު އަނެކުގެ މެދުގައި ރިވެތިގޮތުގައި މަޝްވަރާކުރުމަށް ފަހު ސުލްހަވެރިކަމާއެކު ސުލްހަވެރި މާހައުލެއްގައި ކަމަށެވެ.
"ސިޔާމް މުހަންމަދަކީ އެއްވެސް ބޭފުޅަކާ މެދު ބޭއިންސާފުން ކަން ކުރައްވާނެ ބޭފުޅެއްނޫން..އަދި އެއްވެސް ބޭފުޅަކާ މެދު ނިކަމެތިކޮށް ކަންކުރައްވާނެ ބޭފުޅެއްވެސް ނޫން..ކޮންމެ ބޭފުޅަކާ މެދުވެސް ކަންކަން ކުރައްވާނީ ލޯބިން އަދި އޯގާތެރިކަމާއެކު..ކައިވެނި ކުރައްވާ ކޮންމެ ދެމަފިރިއަކު މުޅިއުމުރު އެކަކުގައި ނޫޅެވުމަކީ މައްސަލައެއްނޫން." އައްބާސް ވިދާޅުވި އެވެ.
ކައިވެނި ރޫޅުމާ ގުޅޭ ގޮތުން ޒާރާއައި ސިޔާމް ވެސް އެއްވެސް އެއްޗެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.
ޒާރާ މަޝްހޫރުވެގެން ދިޔައީ މިދިޔަ އަހަރުގެ ބ.ކަމަދޫގައި އީދު ފާހަގަކުރުމަށް ބޭއްވި ހަފްލާތަކުގައި ދެއްކި ނެށުމުގެ ފަރި ހަރަކާތްތަކުންނެވެ.
ސިޔާމްއަކީ ރާއްޖޭގައި ރިސޯޓު ވިޔަފާރީގައި ހަރަކާތްތެރިވާ ބޮޑު މަހުޖަނެކެވެ.
