ޚަބަރު

ބީއެމްއެލްއިން އެސްޑީއެފްސީ ގަތުމުގެ މުއާމަލާތް ހިންގީ ގާނޫނާ ހިލާފަކަށް ނޫން: އެމްއެމްއޭ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އެމްއެމްއޭ ހިންގާ އިމާރާތް / ފޮޓޯ: ދެން އިމޭޖްސް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގަތުމުގެ މުއާމަލާތް ހިންގީ ގާނޫނާ ހިލާފަކަށް ނޫންކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ) އިން ބުނެފި އެވެ.

Ads by STELCO

އެސްޑީއެފްސީގައި އޮންނަ ސަރުކާރުގެ ހިއްސާ ބީއެމްއެލްއަށް ވިއްކާލަން ސަރުކާރުގެ ކެބިނެޓުން ނިންމީ މީގެ ދެ ދުވަސްކުރިން ނެވެ.

ނަމަވެސް އެ މުއާމަލާތް ހިންގީ ގާނޫނާއި ގަވައިދާ ހިލާފަށް ކަމަށް ބުނެ އަޑުތަކެއް ވަނީ ފެތުރިފަ އެވެ.

ނަމަވެސް އެ ތުހުމަތުތަކަށް ރައްދުދީ އެމްއެމްއޭއިން ބުނީ ބީއެމްއެލްއިން އެސްޑީއެފްސީ ގަތުމަށް ހުށަހަޅާ މުޢާމަލާތާ ގުޅޭ ގޮތުން ލިބިފައިވާ މައުލޫމާތަށް ބިނާކޮށް އެ އޮތޯރިޓީގެ އާއްމު އުސޫލުތަކާ އެއްގޮތަށް އެ މުއާމަލާތް ހިންގުމުގައި އަމަލު ކުރަންޖެހޭ އިޖުރާއަތްތަކަށް އެ ބޭންކުން އަމަލުކުރިތޯ ބަލާފައިވާ ކަމަށެވެ.

އެހެން ނަމަވެސް ބީއެމްއެލްއިން އެސްޑީއެފްސީ ގަތުމަށް ކުރަމުންދާ މަސައްކަތްތަކަކީ ރާއްޖޭގެ ބޭންކިންގެ ގާނޫނާއި ހިލާފަށް ކޮށްފައިވާ މަސައްކަތްތަކެއް ކަމަށް ކަނޑައަޅާފައި ނުވާނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ.

"އަދި ބީއެމްއެލް އިން މިއޮތޯރީޓިއަށް ހިއްސާކޮށްފައިވާ މަައުލޫމާތަށް ބަލާއިރު، މި ވިޔަފާރީގެ މުއާމަލާތުގެ ހުރިހާކަމެއްވެސް ކުރިޔަށް ގެންދާނީ ކަމާގުޅޭ ގާނޫނުތަކާއި، ގަވާއިދުތައް އަދި އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެ މަތީންކަމަށް ބީއެމްއެލްއިން ވަނީ މި އޮތޯރިޓީއަށް ޔަގީންކަން ދީފައެވެ." އެމްއެމްއޭއިން ބުންޏެވެ.

Ads by Ooredoo