ޚަބަރު

މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

. ، ދެން އޮންލައިން

ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ދިދަނެގުމުގެ ހާއްސަ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދު، ބައިވެރިވެވަޑައިގެންފި އެވެ.

މިނިވަން ދުވަހާއި ގުޅިގެން ބޭއްވި ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު 6:00 ގައި، ޖުމްހޫރީ މައިދާނުގަ އެވެ.

އެ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުންގެ އަރިހުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފުގެ އިތުރުން ސަރުކާރުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މިނިވަން ދުވަހުގެ ދިދަނެގުމުގެ މި ހާއްސަ ރަސްމިއްޔާތުގައި، ގައުމީ ދިދަ ނެގުމުގެ އިތުރުން، ދުވަހާއި ގުޅޭ ހާއްސަ ދުއާއެއް ކުރުންވެސް އޮތެވެ. މި ރަސްމިއްޔާތު ނިންމަވާލައްވާފައި ވަނީ ގައުމީ ދިފާއީ ބާރުގެ ބޭންޑްޕާޓީގައި ގައުމީ ސަލާމް ކުޅުމާއެކުގަ އެވެ.

ރާއްޖޭގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޖުލައިމަހުގެ 26 ވަނަ ދުވަހެވެ. ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބިފައި ވަނީ 26 ޖުލައި 1965 ގަ އެވެ.

Ads by HDC