ޑްރަގް ވިޔަފާރިކުރާ މީހުނަށް މަރުގެ އަދަބު ދޭން މަޝްވަރާކުރަނީ

މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް މަޝްވަރާކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
އެމަނިކުފާނު އެކްސްގައި މިރޭ ލިއުއްވި ގޮތުގައި މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތައް ކަނޑައެޅުމަށް ޓަކައި، ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލު އިތުރަށް ދިރާސާކުރުމަށް ކަމާ ގުޅޭ އިދާރާތަކުގައި ވަނީ ދަންނަވައިފަ އެވެ.
ރައީސް ވިދާޅުވީ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެފައިވާ ދިވެހި މުޖުތަމައެއް ބިނާ ކުރުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އަމާޒު ކަމަށެވެ.
ސަރުކާރުގެ ފަރާތުން މަސްތުވާތަކެތީގެ ބިލެއް މަޖިލީހަށް ހުށަހެޅީ މިދިޔަ ޑިސެމްބަރު މަހުގަ އެވެ. އެ ބިލުގައި މަސްތުވާތަކެތި ބޭނުންކުރުމާއި އެތެރެކުރުމާއި ވިޔަފާރިކުރުމަށް ބޮޑެތި އަދަބުތައް ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި ޖޫރިމަނާ ފަދަ އަދަބުތައް ފާހަގަކޮށްލެވެ އެވެ. އެކަމަކު މަރުގެ އަދަބެއް ބިލު ހުށަހެޅި އިރަކު ނެތެވެ.