ޚަބަރު

ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމުގެ 24 މަޝްރޫއެއް ދެ ކުންފުންޏަކާ ހަވާލުކޮށް ސޮއިކޮށްފި

. ، ދެން އޮންލައިން

ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމުގެ 24 މަޝްރޫޢުއްގައި ފެނަކަ ކޯޕަރޭޝަން އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފި އެވެ.

މި މަޝްރޫއުތައް އެ ދެ ކުންފުންޏައި ހަވާލުކުރުމުގެ ރަސްމިއްޔާޓު ބާއްވާފައިވަނީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައެވެ. މި އެއްބަސްވުމުގައި ކުޅިވަރު ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު މުހައްމަދު ދިލްޝާން އަބްދުﷲ އެވެ. ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެމްޑީ މޭޖާ (ރިޓަޔަޑް) މުހައްމަދު ނަޖާހް އެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓާ އިބްރާހީމް ނަޒީމް އެވެ.

ކުޅިވަރު ވަސީލަތްތައް ގާއިމްކުރުމަށް ފެނަކައާ ހަވާލުކުރީ ހއ، ރ. ކ. ތ އަދި ލ އަތޮޅުގެ ބައެއް ރަށްތަކުގެ 13 މަޝްރޫއުއެކެވެ. ޢޭގެތެރޭގައި ހިމެނެނީ 4 އައުޓްޑޯ ޖިމް، 3 ފުޓްސަލް ދަނޑު، 2 ހޭންޑްބޯޅަ ކޯޓު، 2 އައުޓްޑޯ ވޮލީކޯޓު އަދި 2 ފުޓްބޯޅަ ދަނޑެއްގެ ވަށާފާރު، ފެންސް އަދި ލައިޓް ހަރުކުރުމުގެ މަސައްކަތްތަކެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންއާ ހަވާލުކޮށްފައިވަނީ ކުޅިވަރުގެ 11 މަޝްރޫއެކެވެ. އޭގެތެރޭގައި ހިމެނެނީ 5 އައުޓްޑޯ ޖިމް، 3 ފުޓްބޯޅަ ދަނޑު (ސަބްބޭސް، ޓާފް، ވަށާފާރު، ފެންސް އަދި ލައިޓް ހަރުކުރުން)، 1 ހޭންޑްބޯޅަ ކޯޓު، 1 ފުޓްސަލް ދަނޑުގެ އިތުރުން ފ. ބިލެތްދޫ ފުޓްބޯޅަ ދަނޑެއްގެ ވަށާފާރު، ފެންސް އަދި ލައިޓް ހަރުކުރުމުގެ މަސައްކަތެވެ.

އާރުޑީސީއާއި ހަވާލުކުރެވުނު މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ ނ، ރ، ކ، ފ، ތ، ގއ، އަދި ގދ އަތޮޅުގެ ރަށްތަކުގެ ކުޅިވަރު ވަސީލަތްތައް ގާއިމްކުރުމުގެ މަޝްރޫއުތަކެވެ.

ކުޅިވަރު ވުޒާރާއިން ފެނަކަ ކޯޕަރޭޝަން އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލުކުރި 24 މަޝްރޫއު އަންނަ އަހަރުގެ ތެރޭގައި ނިމޭނެ އެވެ.