ޝުޖާއުގެ މައްސަލަ މިދިޔަ އަހަރުން ފެށިގެން އޭސީސީން ދަނީ ބަލަމުން

އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓް އިން ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުއާ ގުޅޭ ގޮތުން އެކުލަވާލި ކަމަށް ބުނާ ރިޕޯޓުގެ މައްސަލަ މިދިޔަ އަހަރުން ފެށިގެން ބަލަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.
އޭސީސީން ބުނީ މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން މައްސަލަ ތަހުގީގު ކުރަމުން ދަނީ އެ ކޮމިޝަނުގެ އަމިއްލަ އިސްނެގުމުގެ މަތިން ކަމަށެވެ.
ކާކުކަން ނޭނގޭ ގޮތަށް ޓުވިޓާގައި ހަސަން ކުރުސީގެ ނަމުގައި ހިންގާ އެކައުންޓުން ލީކުކޮށްލާފައިވާ ރިޕޯޓުގެ ސައްހަކަށް މިހާތަނަށް ވެސް އެމްއެމްއޭއިން ކަށަވަރެއް ނުކޮށްދެ އެވެ.
އެހެން ނަމަވެސް ފުލުހުން ދަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
ލީކުވި ރިޕޯޓާ ގުޅޭ ގޮތުން ޝުޖާއު ވިދާޅުވީ އެ ރިޕޯޓުގެ ސަައްހަކަން ކަށަވަރުނުވާ ކަމަށާއި އަދި އެކަމާ ގުޅޭ ގޮތުން އެއްވެސް އިދާރާއަކުން މައުލޫމާތު ވެސް ލިބިފައިނުވާ ކަމަށެވެ.
ލީކުކޮށްލާފައިވާ ރިޕޯޓުން ދައްކާގޮތުން ޝުޖާއާއި އޭނާގެ އާއިލާތަކާ ގުޅިފައިވާ އެކައުންޓުތަކަށް 42 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
ރިޕޯޓުގެ މައްސަލަ ބަލަން ފަށާފައިވާ އިރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ)ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ވެރިޔާ އަބްދުﷲ އަޝްރަފް އެހެން ޑިޕާޓްމަންޓަކަށް ވެސް އިއްޔެ ވަނީ ބަދަލުކޮށްފަ އެވެ
