މީޑިއާތަކަށް ބޭނުންވާ ހަބަރާއި މައުލޫމާތު ލިބޭނެ ގޮތަށް ނިއުސް އެޖެންސީއެއް ގާއިމުކުރަނީ

"ގައުމީ ނިއުސް އެޖެންސީ" އެއް އުފެއްދުމަށްޓަކައި، ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާ އާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.
އެ އެއްބަސްވުމުގައި ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ވަޒީރު އިބްރާހީމް ވަހީދުއެވެ. އަދި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަސްރީން އެވެ.
އެ ފަހުމުނާމާގެ ދަށުން ގާއިމް ކުރާ ނިއުސް އޭޖެންސީގެ ތެރެއިން މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ ހަބަރާއި މައުލޫމާތު ޑިޖިޓަލް ޕޯޓަލްއެއްގެ ތެރެއިން ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެ އެވެ.
އެ ހިދުމަތަކީ، ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ހަމަޖެހިފައިވާ އުސޫލުން ހަބަރާއި މައުލޫމާތު، އަދި އެކަމަކާ ގުޅޭ ފޮޓޯ އާއި ވީޑިއޯ ފަސޭހަކަމާއެކު ލިބިގެންދާނެ ހިދުމަތެކެވެ.
މި ޕްލެޓްފޯމް މެދުވެރިކޮށް ދެވޭ ހިދުމަތްފޯރުކޮށްދެވޭނީ މިނިސްޓްރީއާ ގުޅިގެން ވުޒާރައިގެ ބައިވެރިވުން އޮންނަ ގޮތަށެވެ.
ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިންނާއި މައުލޫމާތު ލިބިގަތުމުގައި ހުރި ފަސޭހަތައް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވައުދުފުޅު ތެރޭގައި ހިމެނޭ މުހިއްމު އެއް ސިޔާސަތެވެ.