ޚަބަރު

މަސްތުވާތަކެތި ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރުމާ އަދި ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

Ads by STELCO

ޑްރަގް އެންފޯސްމަންޓާއި ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން އިއްޔެ ހިންގި އެ އޮޕަރޭޝަނެއްގައި މާލޭ މަގުމަތިން ސައިކަލެއްގައި ދަނިކޮށް ހުއްޓުވައި ބަލައިފާސްކޮށް ހައްޔަރުކުރީ ލ. ގަން / ތުނޑި. ފައިވްސްޓާ، އަލީ ޝާމް (29އ) އާއި ހއ. ހޯރަފުށި / މީރަންގެ، އަލީ އައުފާން (20އ) އެވެ.

ފުލުހުން ބުނީ އެ މީހުން ދުއްވި ސައިކަލާއި މާލޭގައި އެ މީހުން ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ 17.06 ގުރާމުގެ ތަކެއްޗާއި ބަނގުރާކަމަށް ބެލެވޭ އެޗެއްހުރި 500 އެމްއެލްގެ 18 ފުޅިއާއި 5 ލީޓަރުގެ ފުޅިއެއްގެ އިތުރުން ބަނގުރާ އުފެއްދުމަށް ބޭނުންކުރާކަމަށް ބެލެވޭ ތަކެތި ފެނުނު ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް ހަތް ދުވަހުގެ މުއްދަތަށް ބަންދުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލައިގައި އެ މީހުން ދުއްވި ސައިކަލު ޓޯކޮށްފައިވާ އިރު ޑްރަގް އެންފޯސްމަންޓުން ގެންދަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Ads by HDC