ށ. އަތޮޅަށް މިނިސްޓްރީން 1000އަށް ވުރެ ގިނަ ގަސް ފޯރުކޮށްދީފި

ރާއްޖޭގައި ކާނާގެ ޔަގީންކަން އިތުރުކުރުމަށްޓަކައި އެގްރިކަލްޗާ މިނިސްޓްރީން ހިންގާ "ފުޑްސެކިއުރިޓީ ޕްރޮގްރާމް"ގެ ދަށުން "ށ" އަތޮޅުގެ ތަށްތަކަށް 1000 އަށް ވުރެ ގިނަ ގަސް ފޯރުކޮށްދީފި އެވެ.
ރަށްރަށުގައި ކާނާގެ ޔަގީންކަން އިތުރުކުރުމަށް ކައުންސިލްތަކުން ގަސް ފޯރުކޮށްދިނުމަށް އެދެމުންދާތީ އެގްރިކަލްޗާ މިނިސްޓްރީން ދަނީ ހަނިމާދޫގައި ހުންނަ އެ މިނިސްޓްރީގެ ސެންޓަރުން، އެ ރަށްތަކަށް ބޭނުންވާ މިންވަރަށް ގަސްތައް ފޯރުކޮށްދެމުންނެވެ.
ެެއެގޮތުން މި މަހުގެ ތެރޭގައި ށ. އަތޮޅުގެ 4 ރަށަކަށް 1159 ގަސް ފޯރުކޮށްދީފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
އޭގެ ތެރޭގައި ށ. އަތޮޅުގެ ފުނަދޫ, ޅައިމަގު, ނަރުދޫ އަދި ބިލެތްފަހި ހިމެނެ އެވެ.
އެ ރަށްރަށުގެ ގޭބިސީތަކަށާއި އޮފީސްތަކަށް ފޯރުކޮށްދިން ގަސްތަކުގެ ތެރޭގައި ޖަނބުރޯލު, މުރަނގަ, އަލަ އަދި ބަނބުކެޔު ފަދަ ގަސްތައް ހިމެނެ އެވެ.
ފުޑްސެކިއުރިޓީ ޕްރޮގްރާމްގެ ދަށުން، ރާއްޖޭގެ އެކި ރަށްތަކަށް ގަސްތައް ފޯރުކޮށްދެމުން އަންނައިރު، މި އަހަރުގެ ޖޫން މަހު ވަނީ ހަނިމާދޫ ކައުންސިލަށްވެސް 50 ބަނބުކެޔޮގަސް ހަދިޔާކޮށްފަ އެވެ.
