ޚަބަރު

20 ޓީމާއެކު އުރީދޫ މަސް ރޭސްގެ ފުރަތަމަ ބުރު މިއަދު ހުރާގައި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އުރީދޫ މޯލްޑިވްސްގެ މި އަހަރުގެ މަސްރޭހުގެ ފުރަތަމަ ބުރު މިއަދު މެންދުރު ކ. ހުރާގައި ފަށަން ތައްޔާރުވެއްޖެ އެވެ.

ފިޝަރީޒް މިނިސްޓްރީއާ ގުޅިގެން ބާއްވާ މި ފަހަރުގެ މަސްރޭހުގެ ފުރަތަމަ ބުރު މިއަދު މެންދުުރު ދޭއް ޖަހާއިރު ހުރާގައި ފަށާއިރު ޖުމުލަ 20 ޓީމު ވަނީ ބައިވެރިވެފައި ކަމަށް އުރީދޫން ބުންޏެވެ.

އެ ކުންފުނިން ބުނިީ މުބާރާތުގެ އިންތިޒާމުތައް ވަރަށް ފުރިހަމަ އަށް ކޮށްފައިވާ ކަމަށާއި މިއީ ފޯރިގަދަ ހަރަކާތަކަށް ވާނެ އެވެ.

އުރީދޫން ނިންމާފައި ވަނީ މި އަހަރުގެ މަސްރޭސް ހުރާގެ އިތުރުން ށ. ފުނަދޫގައި ބާއްވާށެވެ. ފުނަދޫގައި އެ ހަރަކާތް އޮންނާނީ އަންނަ ހުކުރު ދުވަހުގަ އެވެ.

އުރީދޫ މަސް ރޭހުގައި ރަޖިސްޓަރީ ކުރެވޭ ގޮތަށް ހަމަޖައްސާފައި އޮތީ ކެޕްޓަނާއި އޮފިޝަލުން ހިމެނޭހެން 12 މީހުންގެ ޓީމުތަކަށެވެ. މި ރޭހުގައި ކޮންމެ ރަށަކުން ވެސް އެއް ވަނަ، ދެ ވަނަ އަދި ތިން ވަނަ ހޮވާނެ އެވެ.

ކޮންމެ ރަށެއްގެ ޗެމްޕިއަންކަން ޓީމަށް 25،000ރ. ގެ ފައިސާގެ އިނާމު ލިބޭނެ އެވެ. އަދި ދެ ވަނަ އަށް 10،000ރ. ތިން ވަނައަށް 5،000ރ. ދޭނެ އެވެ. އޭގެ އިތުރުން އެންމެ މޮޅު އަންހެން އަދި ފިރިހެން މަސްވެރިޔާ އަށް ވެސް ހާއްސަ އިނާމެއް ދޭނެ ކަމަށް އުރީދޫން ބުންޏެވެ.

ގިނަ ބައެއްގެ މެދުގައި މަގުބޫލު އަދި ފޯރިނަގާ އުރީދޫގެ މަސްރޭހުގެ މި އަހަރުގެ ހަރަކާތުގައި ކޮންމެ ސަރަހައްދަކުން ވެސް އެންމެ ގިނަވެގެން 16 ޓީމު ވާދަކުރާނެ އެވެ. އެ 16 ޓީމަށް ވުރެ ގިނައިން ރަޖިސްޓަރީ ވެފައިވާ ނަމަ ބައިވެރިވާ ޓީމުތައް ކަނޑައެޅީ ގުރުއަތުންނެވެ. އަދި ނުހޮވޭ ޓީމުތަކަށް ރަޖިސްޓްރޭޝަން ފީގެ ފުލް ރިފަންޑް ލިބޭނެ އެވެ.

Ads by Allied Insurance