ޚަބަރު

ތަރައްގީ ގެންނަން ވާނީ ދިވެހިވަންތަކަން ނުގެއްލޭ ގޮތަށް: މިނިސްޓަރު އާދަމް ޝަރީފް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ނޫސްވެރިންގެ ބައްދަލުވުމުގައި ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވާހަކަ ދައްކަވަނީ / ފޮޓޯ:ރައީސް އޮފީސް

ތަރައްގީ ގެންނަން ވާނީ ދިވެހިވަންތަކަން ނުގެއްލޭ ގޮތަށް ކަމަށް، ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

Ads by STELCO

ގައުމީ ދުވަހާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާދަމް ޝަރީފް ވިދާޅުވީ ދިވެހިންގެ ދިވެހިވަންތަކަން ރައްކާތެރިކޮށް، ރަށްވެހިކަމުގެ ވައްޓަފާޅި ނުގެއްލޭނެ ގޮތަކަށް ރަށުގެ ތަރައްޤީގެ ވިސްނުމާއި އުމްރާނީ ތަރައްޤީގެ މަފުހޫމް އިސްކުރުމަކީ ކޮންމެ ދިވެއްސަކު ވިސްނަން ޖެހިފައިވާ ކަމެއް ކަމަށެވެ.

އެގޮތުން ދިވެހިންނަށް ލިބިފައިވާ ނޫވިލުތަކާއި ޗާލު މޫދާއި ދޮންވެލި ގޮނޑުދޮށާއި ރަށުގެ ވެލި މަގުތަކަކީ ދިވެހިންގެ ދިވެހިވަންތަކަން ރަމްޒުކޮށްދޭ ބަހާތައް ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

"އެ ބަހާތަކަށް ޤުދުރަތީ ގޮތުން ލިބިފައިވާ ރީތިކަން، އެގޮތުގައި ދެމެހެއްޓުމަށް ސަމާލުވާންޖެހޭ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވި އިރު، ރާއްޖޭގެ މުއްސަނދި ފަޅުތަކާއި ފަރުތަކާއި ކުޅިތައް ނުހިއްކާ، ދެމެހެއްޓެނިވި ތަރައްގީ އިޚްތިޔާރުކޮށް އެހެން ގޮތްތައް ހޯދެން އެބަ އޮތް ކަމަށް ތިމާވެއްޓާ ދޭތެރޭ ކަންބޮޑުވުން ފާޅުކުރާ މީހުން އަބަދުވެސް އަންނަނީ ވަކާލާތު ކުރަމުންނެވެ. ނަމަވެސް ރިސޯޓުތަކާއި އެއާޕޯޓުތަކާއި އަޅަން ބިން ހިއްކުމަކީ ސަރުކާރުތަކުން ހުއްޓުމެއް ނެތި ކުރަމުންދާ ކަންކަމެވެ.

Ads by HDC