ފުވައްމުލަކު އެއާޕޯޓު އަލުން އޮޕަރޭޓްކުރަން ފަށަން އައްޑޫއިން ފަޔާ ޓްރަކެއް ގެންދަނީ

ފުވައްމުލަކު އެއާޕޯޓު އަލުން އޮޕަރޭޓްކުރަން ފަށަން އައްޑޫއިން ފަޔާ ޓްރަކެއް ގެންދަން ނިންމައިފި އެވެ.
ފުވައްމުލަކު އެއާޕޯޓުގެ ޝެޑިއުލް ދަތުރުތައް މިއަދު މެދުކަނޑާލީ އެ އެއާޕޯޓުގެ ފަޔާ ލޮރީއަށް މައްސަލައެއް ދިމާވެގެން ނެވެ.
އެއާއެކު އެ ސިޓީގައި ގިނަ ބަޔަކަށް ފުރޭނެ ގޮތެއް ނެތި ވަނީ ތާށިވެފަ އެވެ. އަދި އެ ސިޓީއަށް ދަތުރު ނުކުރިވިވެސް އެތައް ބަޔަކު އެބަ ތިއްބެވެ.
ފުވައްމަލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސެއިން (ޑްރީމްސް އިއްބެ) އެކްސްގައި މިއަދު މެންދުރު ވިދާޅުވީ ފުވައްމުލައް ސިޓީގެ އެއާޕޯޓުގެ އޮޕަރޭޝަންތައް ވީހާވެސް އަވަހަށް އަލުން ފެށުމަށްޓަކައި އައްޑޫ ސިޓީން ފަޔާ ޓްރަކެއް ފުވައްމުލަކަށް ގެންދިއުމަށްޓަކައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީން މަސައްކަތް ކުރަމުންދާ ކަމަށް އެކުންފުނިން އޭނާއަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
އެފަދަ ކަންކަން ކުރިއަށް އޮތްތަނުގައި ތަކުރާރުވިޔަ ނުދިނުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އަޅާކަން ޔަގީން ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތް އިބްރާހިމް ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ފުވައްމުލަކުގެ ރައްޔިތުންނަށް އޭނާ ދެއްވި އެވެ.
"އަދި މި ދަތި ދަނޑިވަޅުގައިވެސް ކެތްތެރިކަމާއެކު ތިއްބެވި ކަމަށްޓަކައި ނުހަނު އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކުރަން." އޭނާ އިތުރަށް އެކްސްގައި ވިދާޅުވި އެވެ.
