ޚަބަރު

ބޭސް އެތެރެކުރަން އުފެއްދި ކުންފުނީގެ އެމްޑީގެ މަގާމަށް ޝާހު އައްޔަނުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ޑރ. ޝާހު މާހިރު

ބޭސް އެތެރެކުރަން އުފެއްދި ކުންފުނީގެ އެމްޑީގެ މަގާމަށް ޑރ. ޝާހު މާހިރު އައްޔަނުކޮށްފި އެވެ.

ރާއްޖެއަށް ބޭސް އެތެރެކުރަން "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި ވަކި ކުންފުންޏެއް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދެވީ ނިމިގެން ދިޔަ ހަފްތާގަ އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިރޭ އެކްސްގައި ބުނީ އެ ކުންފުނީގެ ބޯޑަށް ތިން މެމްބަރަކު އައްޔަނުކޮށްފައިވާ ކަމަށެވެ.

ބޯޑަށް އައްޔަނުކުރި މެމްބަރުންގެ ތެރޭގައި އެމްޑީ ޝާހު މާހިރުގެ އިތުރުން ދެން ހިމެނެނީ އައިޝަތު މުހައްމަދު އަދި ޝިބާނާ އަބްދުﷲ ދީދީ އެވެ.

އެމްޑީގެ މަގާމަށް ހަަމަޖެއްސި ޝާހު މަހިރުއަކީ މެޑިކަލް ޑޮކްޓަރެކެވެ. އަދި އޭނާ ނިމިގެން ދިޔަ ދައުރުގައި ވަނީ ހެލްތުގެ ސްޓޭޓް މިނިސްޓަރުގެ މަގާމުވެސް ފުރުއްވައިފަ އެވެ. ނަމަވެސް ދައުރު ނިމެން އުޅެނިކޮށް ވަނީ މަގާމުން އިސްތިއުފާ ދެއްވައި ޑިމޮކްރެޓްސް ޕާޓީއާ ގުޅިވަޑައިގެންފަ އެވެ.

ބޭސް ގެންނަން އަލަށް އުފެއްދި އާ ކުންފުނިން ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ ރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާކޮށް، އެތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތް ކުރާނެ ކަމަށް ރައީސް އޮފީހުން ހާމަކޮށްފައި ވެއެވެ.