ޚަބަރު

ޤަޠަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

މުޙައްމަދު އަރީޙް ، ދެން އޮންލައިން

ޢަރަބި އިސްލާމީ ޤައުމުތަކުގެ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޤަތަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފިއެވެ. ހޯމަ ދުވަހު ޤަތަރުގައި ކުރިއަށްގެންދިޔަ ކުއްލި ބައްދަލުވުމުގައި އިސްލާމީ ޤައުމުތަކުގެ ލީޑަރުން ވަނީ ބަޔާންތައް އިއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޢަރަބި އިސްލާމީ ޤައުމުތަކުގެ ކުއްލި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް ޤަތަރަށް ފުރާ ވަޑައިގެންނެވީ އާދީއްތަ ދުވަހުއެވެ. އެމަނިކުފާނު ވަނީ މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ފަރާތުން ބަޔާން އިއްވަވައި، މި މަހުގެ 9ވަނަ ދުވަހު ޔަހޫދީ އިޒްރޭލުން ޤަތަރުގެ ވެރިރަށް ދޯހާއަށް ދިން ހަމަލާ ކުށްވެރިކުރައްވާފައެވެ.

އެމަނިކުފާނު ވިދާޅުވީ، ފަލަސްޠީނުގެ މައްސަލައިގައި ޤަތަރު އަދާކުރަމުންދިޔައީ ސުލްހަ ޤާއިމްކޮށްދިނުމަށް މެދުވެރިއެއްގެ ދައުރު ކަމަށެވެ. އަދި އެ ޤައުމުން ކުރަމުންދާ މަސައްކަތް ބަލައިގަނެ އަގުވަޒަން ކުރަން ޖެހޭ ކަމަށާއި، މިއީ މަސައްކަތާއި މެދު ނުރުހުންވެ އަނިޔާވެރިކަން އިސްކުރަންޖެހޭ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވަނީ އިޒްރޭލުން ފަލަސްޠީނުގެ ޑޮކްޓަރުންނާއި ނޫސްވެރިންނާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކާއި އާންމުންގެ އެތައް ބަޔަކު އެއްވެސް ޖެހިލުމެއް ނެތި މަރާ، ޢައްޒާ އަޅިއަށް ހަދަމުންދާކަން ފާހަގަކުރައްވައި އެކަންވެސް ކުށްވެރިކުރައްވާފައެވެ. މިކަންކަމުގައި އިސްރާޢީލަށް ހަރުކަށި ފިޔަވަޅު އަޅަން ޖެހޭކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ރައީސްގެ މި ދަތުރުފުގައި ޤަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދު އަލްޘާނީއާވެސް ބައްދަލުކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވަނީ އިޒްރާއިލުން ޤަތަރަށް ދިން ހަމަލާ ކުށްވެރިކުރައްވާ، އެ ހަމަލާގައި ބަޔަކު ޝަހީދުވުމާއި ގުޅިގެން ތައުޒިޔާ އާއި ހަމްދަރުދީ ވިދާޅުވެފައެވެ. އަދި ރާއްޖެ އޮތީ ޤަތަރާއެކުގައި ކަމަށާއި އެ ސަރަޙައްދުގައި ސުލްޙަވެރިކަން ޤާއިމްކުރުމަށް ކުރާ މަސައްކަތްތަކަށް ރާއްޖޭގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ޤަޠަރުން ރާއްޖެއަށް މިހާރުވެސް އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދެމުންދާކަން ފާހަގަކުރައްވާ ރައީސްވަނީ ޝުކުރު އަދާކުރައްވާފައެވެ.