ގައުމުގެ ހާލަތު އޮތްގޮތުން ކުރީގެ ރައީސުންގެ އިނާޔަތް ކުޑަނުކޮށްވާކަށް ނެތް: ރައީސް

ގައުމުގެ ހާލަތު އޮތްގޮތުން ކުރީގެ ރައީސުންގެ އިނާޔަތް ކުޑަނުކޮށްވާން ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުން ގެނެސްދެމުންދާ ޕޮޑްކާސްޓުގެ ނުވަވަނަ އެޕިސޯޑުގައި ރައީސް މުއިއްޒު މިއަދު ވިދާޅުވީ މިހާރު ކުރީގެ ރައީސުންނަށް ވަރަށް ބޮޑު އިނާޔަތެއް ލިބެމުންދާ ކަމަށެވެ.
އެހެން ނަމަވެސް ކުރިން ރައީސްކަންކޮށްފައިވާ ބޭފުޅުންނަށް އަބުރުވެރިކަމާ އެކީގައި ގައުމަށް ހިދުމަތްކޮށް ނޫނީ އުޅުއްވާނެ ފުރުސަތު، ގާނޫނުން ދައުލަތުން ދެއްވަން ޖެހޭނެ ކަމަށް ވެސް ގަބޫލުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެހެން ނަމަވެސް އެކަން ކުރެވޭނީ ގައުމެއްގެ ނިސްބަތުން އެ ގައުމަކަށް ވާން އޮތް މިންވަރަކުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އެހެންވީމާ، ކުރީގެ ރައީސުންނަށްދޭ އިނާޔަތްތަކަށް އެބަޖެހޭ ބަދަލުތަކެއް އަންނަން. ބައެއް ޢިނާޔަތްތައް އުނިވާން. ބައެއް އިނާޔަތްތަކަށް ބަދަލުތަކެއް އަންނަން. އެއީ، އަޅުގަނޑު ހިތުން ގައުމުގެ ހާލުގެ ދުލުން ގޮވަމުންދާ ތެދު ހަގީގަތެއް." ރައީސް ވިދާޅުވި އެވެ.
އެހެންކަމުން ކުރިއަށް އޮތް، މަޖިލީހުގެ ދައުރު ހުޅުވުމުން، ކުރީގައި ރައީސްކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނާއި އަދި މަޖިލީހުގެ މެންބަރުކަން ކުރައްވާފައި ތިއްބެވި މިހާރު މަޖިލިސްގައި ނޫޅުއްވާ ބޭފުޅުންނަށް ލިބޭ އިނާޔަތްތަކަށް އިސްލާހުތަކެއް ގެންނަން މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ބައެއް އިނާޔަތްތައް ވަކިކުރަން ހުށަހަޅާނަން. އެއީ، އަޅުގަނޑު ހިތުން ގައުމަށް ވަރަށް މުހިންމު ކަމެއް. ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވާ ކަމެއް." ރައީސް ވިދާޅުވި އެވެ.
