ޚަބަރު ސަރުކާރު

ކެޔޮދޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ފަށާނަން: ރައީސް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ވ.ކެޔޮދޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ކެޔޮދޫ ބިން ހިއްކައިދެއްވާނެ ކަމަށް ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ވަނީ ވައުދުވެވަޑައިގެންފައެވެ.

ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު ކެޔޮދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ކެޔޮދޫގެ ތަރައްގީއާއި، ކުރިއެރުމަށް ބިމުގެ ޖާގަ ބޭނުންވާތީ ބިން ހިއްކަންޖެހޭ ކަމަށެވެ.

އެހެންވެ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން، އެ އަހަރުގެ ކުރީކޮޅު އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ނިންމަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަހަރުގެ އެންމެ ކުރީކޮޅު ރަށުގައި 12 ހެކްޓަރުގެ ބިން އިތުރުކުރުމުގެ މަސައްކަތް ފަށާނަން. ލޯކަލް ޓުއަރިޒަމްގެ އިތުރު އެކި ފުރުސަތުތައް މި މަޝްރޫއުއާއެކު ހުޅުވޭނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ ކެޔޮދޫ އަކީ ލޯކަލް ޓޫރިޒަމް ކުރިއަރަމުން އަންނަ ރަށެއްކަން ފާހަގަކުރައްވައި، އަންނަ އަހަރުގެ މާރިޗު މަހުގެ ކުރިން އެ ރަށުގައި ވެސް ޑޮލަރު އޭޓީއެމް އެއް ބަހައްޓަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.

ރައީސް ޑރ. މުޢިއްޒު ކެޔޮދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ޖަލްސާގައި ވަނީ ކެޔޮދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތް ގާއިމު ކުރުމުގެ އެއްބަސްވުމާއި، ހަތަރު ބުރީގެ ސްކޫލު އިމާރާތެއް އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

ރައީސް ވިދާޅުވީ އަލަށް ގާއިމުކުރާ ސިއްހީ މަރުކަޒުގައި ވަސީލަތްތައް އިތުރުވާނެ ކަމަށާއި އެތަން ނިމޭއިރު 20 އެނދު ހުންނާނެ ކަމަށެވެ.

ހަމައެއާއެކު ސްކޫލްގެ މަސައްކަތް ނިމޭއިރު، ޖާގައާއި، ހޯލާއި، އެހެނިހެން ވަސީލަތްތައް ފުރިހަމަވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ހަތަރު ބުރީގެ ސްކޫލްގެ މަސައްކަތް ނިމުމުގެ ކުރިން މިހާރު ހުރި ސްކޫލަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުކޮށް، ކްލާސްރޫމް އޭސީ ކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

Ads by Ooredoo