ވ.ކެޔޮދޫގައި ސަރުކާރުން ހަދަން ނިންމާފައިވާ ކައުންސިލުގެ އިމާރާތުގެ ބިންގާ އަޅައިފިއެވެ.
މި އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބޭއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވ.އަތޮޅުގެ ރަށްތަކަށް ކުރެއްވި ޒިޔާތަރުގެ ތެރެއިންނެވެ.
ކެޔޮދޫގައި އަލަށް އިމާރާތްކުރާ ކައުންސިލުގެ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް ޢުމަރެވެ.
މިނިސްޓަރުގެ އަރިހުގައި ކެޔޮދޫ ކައުންސިލުގެ ރައީސް އަޙްމަދު ފިރާޒު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ކެޔޮދޫގައި އަލަށް އިމާރާތްކުރާ ކައުންސިލުގެ އިމާރާތުގެ
މަސައްކަތަކީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ސަރުކާރުން އިމާރާތްކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލް އިމާރާތް ހެދުމުގެ މަޝްރޫއުގެ ދަށުން، ކެޔޮދޫގައި ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުއެކެވެ.
ކެޔޮދޫ ކައުންސިލުގެ އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާއެވެ. މި މަޝްރޫއުއަކީ 11 މަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެ ކުންފުންޏާ ހަވާލުކޮށްފައިވާ މަޝްރޫއުއެކެވެ.
