ފ.ބިލެތްދޫގައި ބިމުގެ ޖާގަ އިތުރުކުރެވެން އޮތް އެންމެ ބޮޑަށް އިތުރުކޮށްދެއްވާނެކަމުގެ ޔަގީންކަން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އެ ރަށުގެ ރައްޔިތުންނަށް ދެއްވައިފިއެވެ.
ރައީސް މި ޔަގީންކަން ދެއްވީ ރާއްޖޭގެ 4 އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ބިލެތްދުއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ އެ ރަށުގެ ބަނދަރުގެ ޖާގަ ތަނަވަސްކުރެވެން އޮތް އެންމެ ފުޅާމިނެއްގައި ޖާގަ އިތުރު ކުރައްވާނެ ކަމަށެވެ. އަދި އެކަން ކުރައްވާނީ ވީހާވެސް ބޮޑަށް ރައްޔިތުން އެދޭ ގޮތަށް ފުރިހަމަ މިނުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން ބިމުގެ ޖާގަ އިތުރުކުރެވެން އޮތް އެންމެ ބޮޑަށް އިތުރުކޮށްދެއްވާނެކަމުގެ ޔަގީންކަން ވެސް ދެއްވިއެވެ.
ހަމައެއާއެކީގައި ޖާގަ އިތުރުކުރުމަށް ބިން ބޮޑުކުރުމަށްޓަކައި، މި ރަށުގެ ފަޅުތެރެއިން ހިއްކެން އޮތް އެންމެ ބޮޑުމިނަކަށް ހިއްކައިދިނުމުގެ މަޝްރޫއުއެއް، މި ބަނދަރުގެ މަޝްރޫއާ ގުޅިގެން އަޅުގަނޑުމެން ގެންގޮސްދޭނެކަމުގެ ޔަގީންކަން ބިލެތްދޫ ރައްޔިތުންނަށް ދެން. ބިލެތްދޫ ބަނދަރު ސަރަހައްދުގައި މިއަދު މެންދުރުފަހު ކުރިއަށްދިޔަ ބައްދަލުވުމުގައި ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ފަރުގެ އެންމެ އެޖުން ފެށިގެން، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން ގަވާއިދުތަކުގެ ތެރެއިން ދޫކުރަންޖެހޭ ޖާގައެއް ކޮންމެ ރަށެއްގައި ވެސް އޮންނަ ކަމަށެވެ. އެއީ ރައްކަލަކަށްޓަކައި ގުދުރަތީ ގޮތުން ކުރަންޖެހޭ ކަމެއްކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެހެންވީމާ އެ ޖާގަ އެންމެ ކުޑަމިނުން ބާއްވަންޖެހޭނެ ވަރަށް ބާއްވާފައި، ރަށަށް ބިން އިތުރުކުރެވޭނެ އެންމެ ބޮޑުމިނަކަށް އިތުރުކޮށްދޭނެ ވާހަކަ މި ދެންނެވީ. ހަމަ އެންމެ މެކްސިމަމް، ރަށަށް ބިން އިތުރުކުރެވޭވަރަކަށް އިރާދަކުރެއްވިއްޔާ ކޮށްދޭނަން.
މި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވަނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގަމުން އަންނަ އެމްޓީސީސީއާއެވެ.
އެކަން ފާހަގަކުރައްވައި ރައީސް ވަނީ އެ ކުންފުނިން މި މަސައްކަތްތައްކޮށް ނިންމައިދޭނެކަމުގެ ފުރިހަމަ ޔަގީންކަން ވެސް އެ ރަށުގެ ރައްޔިތުންނަށް ދެއްވައިފައެވެ.
އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން އެންމެ މުހިންމު ޖާގައެއް ލިބިގެންދާނެ މަޝްރޫއުއަކަށް، ބިން ހިއްކުމުގެ މަޝްރޫއު ވެގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
"އާދެ، އަޅުގަނޑަށް އައި އެންމެ ބޮޑު ސުވާލަކީ، އަދި އަޅުގަނޑު ރައްޔިތުންނަށް ދޭން ބޭނުންވާ އެންމެ ބޮޑު ޔަޤީންކަމަކީވެސް މި ދެ މަޝްރޫއުގެ މި ވާހަކަ. ބިން އިތުރުކުރުމާއި، ބަނދަރުގައި ޖާގަ އިތުރުކުރެވެން އޮތް އެންމެ ބޮޑަކަށް ކުރުމާ. އެއީ، ހަމަ ހަގީގަތުގައި ވެސް މި ރަށުގެ ތަރައްގީއަށް ވަރަށް މުހިންމު ދެ ކަންތައް. އެހެންވީމާ އެކަން އެގޮތަށް ކުރިއަށްދާނެ،" ބަނދަރާއި، ބިމުގެ ޖާގައިގެ ވާހަކަ ތަކުރާރު ކުރައްވައި ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ ބިލެތްދޫގެ ތަރައްގީއަށްޓަކައި ކުރަންހުރި ހުރިހާ މަސައްކަތްތަކެއް ކުރިއަށްގެންގޮސް ދެއްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވައިފައެވެ.
އެގޮތުން އެ ރަށުގެ ރައްޔިތުންނަށް މުހިންމު ހުރިހާ ކަމަކަށް، އަންނަ އަހަރުގެ ބަޖެޓުގައި ސަމާލުކަން ދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
