ޚަބަރު ސަރުކާރު

އައު މީޑިއާ ކޮމިޝަނަށް ވަގުތީ ގޮތުން މެންބަރުން އައްޔަންކޮށްފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

މިދިޔަ ބުރާސްފަތި ދުވަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގުކުރެއްވި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ގާނޫނުގެ ދަށުން އުފައްދަވާފައިވާ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނަށް" ވަގުތީ މެންބަރުން އައްޔަންކޮށްފިއެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ގާނޫނު ބުނާ ގޮތުން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން އެކުލަވައިލައި ދާއިމީ މެންބަރުން އެ ކޮމިޝަނުގެ ހިންގުމާ ހަވާލުވަންދެން އެ ކޮމިޝަނުގެ ކަންކަން ވަގުތީ ގޮތުން ހިންގާނީ ސިވިލް ސަރވިސް ކޮމިޝަނުން އެކުލަވައިލާ ފަސް މެންބަރުންގެ ވަގުތީ ކޮމިޓީއަކުންނެވެ.

ގާނޫނުގައިވާ ގޮތުން އެ ފަސް މެންބަރުން ވާން ޖެހެނީ ސިވިލް ސަރވިސް ހިމެނޭ ދާއިރާތަކުގެ އޮފީސްތަކުގައި މަސައްކަތް ކުރައްވާ ޑިރެކްޓަ ޖެނެރަލުން ފެށިގެން މަތީ މަގާމުތަކުގެ ބޭފުޅުންނަށެވެ. އަދި އެ ކޮމިޝަނުގެ ރައީސާއި ނައިބު ރައީސް ކަނޑައަޅާނީ، އެ ފަސް މެންބަރުންގެ ތެރޭގައި ނަގާ ސިއްރު ވޯޓަކުން ކަމަށް ގާނޫނުގައި ވެއެވެ.

ކޮމިޝަނަށް މިހާރު އައްޔަންކޮށްފައިވާ މެންބަރުންނަކީ:

1. ޢަލީ ޒަކީ، ޑިރެކްޓަރު ޖެނެރަލް/ ސްޕޯޓްސް މިނިސްޓްރީ

2. އަޙްމަދު މައުސޫމް، ޑިރެކްޓަރު ޖެނެރަލް/ ސިޓީސް މިނިސްޓްރީ

3. އާމިނަތު ނަސީރު، ޑިރެކްޓަރު ޖެނެރަލް/ އިސްލާމިކް މިނިސްޓްރީ

4. އާމިނަތު ޝާހިދާ، ޑިރެކްޓަރު ޖެނެރަލް/ އިކޮނޮމިކް މިނިސްޓްރީ

5. އިމާދު މުޙައްމަދު، ޗީފް ކޯޕަރޭޓް އެގްޒެކެޓިވް (ގައުމީ އަރުޝީފު، ޔޫތު މިނިސްޓްރީ)

ގާނޫނުގައިވާ ގޮތުން ވަގުތީ ކޮމިޝަން އެކުލަވައިލި ނަމަވެސް، ވަގުތީ މެންބަރުން އައްޔަންކުރާތާ 30 ދުވަހުގެ ތެރޭގައި 7 މެންބަރުން ހިމެނޭ ދާއިމީ ކޮމިޝަން އެކުލަވައިލަން ޖެހެއެވެ. އެ މެންބަރުންގެ ތެރެއިން ތިން މެންބަރުންނަކީ މަޖިލީހުން އައްޔަންކުރާ މެންބަރުންނަށްވާއިރު، ބާކީ ހަތަރު މެންބަރުން އިންތިޚާބު ކުރާނީ މީޑިއާތަކުގެ މެދުގައި ނަގާ ސިއްރު ވޯޓަކުން ކަމަށް ގާނޫނުގައި ބަޔާންކޮށްފައި ވެއެވެ.

Ads by HDC