ވަގު ވިޔަފާރިތައް ހުއްޓުވަން ފެށި ބޮޑު އޮޕަރޭޝަންގައި އެއް ދުވަހުން 24 ބިދޭސީން އަތުލައިގެންފި

ބިދޭސީން ހިންގާ ވަގު ވިޔަފާރިތައް ހުއްޓުވަން އިއްޔެ ބޮޑު އޮޕަރޭޝަނެއް ފެށިތާ 24 ގަޑިއިރު ތެރޭގައި 24 ބިދޭސީން އަތުލައިގެންފި އެވެ.
އިމިގްރޭޝަންއިން މިއަދު އެކްސްގައި ބުނީ އިއްޔެ ޓާސްކްފޯސްއިން ހިންގި ހާއްސަ ހަރަކާތުގައި މާލޭގެ 9 ސަރަހައްދެއް ބަލައި ފާސްކުރި ކަމަށާއި އަދި ގަވާއިދާ ހިލާފަށް އުޅެމުންދިއަ 24 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވުނު ކަމަށެވެ.
"ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ ވައުދުފުޅާ އެއްގޮތަށް، މި ހަރަކާތްތައް ކުރިއަށް އޮތްތަނުގައި އިތުރަށް ފުޅާކޮށް، ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް އަމާޒުކޮށް ކުރިއަށް ގެންދެވޭނެ." އިމިގްރޭޝަންއިނަ އެކްސްގައި އިތުރަށް ބުންޏެވެ.
ބިދޭސީ ވަގު ވިޔަފާރިތައް ހުއްޓުވަން ބޮޑު އޮޮޕަރޭޝަންއެއް މިއަދު ފެށިއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ހާއްސަކޮށް، އާބާދީ ބޮޑެތި ރަށްތަކުގައި ބިދޭސީން ނުގަވާއިދުން ހިންގާ ވިޔަފާރިތައް ހޯދައި، އެ ތަންތަން ވަގުތުން ބަންދުކޮށް، އެ ފަރާތްތައް ޑީޕޯޓްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ފަށާނެކަން ރައީސް މުއިއްޒު އިއުލާން ކުރެއްވީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ފ. ނިލަންދޫގައި ވާހަކަފުޅު ދައްކަވަމުން ނެވެ.
އިމިގްރޭޝަންއިން މި ސަރުކާރުގެ ވެރިކަމުގައި މީގެ ކުރިންވެސް ގަވައިދާ ހިލާފަށް ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވަން އޮޕަރޭޝަންތައް ހިންގައި ގިނަ އަދަދެއްގެ ބިދޭސީން އަތުލައިގަނެ ޑީޕޯޓްކޮށްފައި ވެއެވެ
