މާލީ ބަޔާން ހުށަހެޅުން ހަރުދަނާކުރަން އިސްލާހުތަކެއް މަޖިލީހަށް ހުށަހަޅައިފި

ދައުލަތުގެ މަގާމުތައް ފުރަމުންދަ މީހުންނާއި ސަރުކާރުގެ ކުންފުނިތަކުގެ އިސް މަގާމުތަކުގައި މަސައްކަތް ކުރާ މީހުންގެ މާލީ ބަޔާން ހުށަހެޅުން މިހާރަށް ވުރެ ހަރުދަނާކުރަން އިސްލާހުތަކެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
އެ އިސްލާހުތައް މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް(ކުޑޫ) އެވެ.
ެއިބްރާހިމް ހުށަހެޅުއްވި އިސްލާހުގައި ވަނީ މަޖިލިސް މެމްބަރުން އިންތިހާބުވާތާ އެއް އަހަރުވުމުން މާލީ ބަޔާން ހުށަހަޅަން މިހާރު އޮންނަ އުސޫލު ބަދަލުކޮށް މެމްބަރުން ހުވާކުރާތާ މަސް ދުވަސް ތެރޭގައި މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަަށް ހަދަން އިސްލާހު ހުށަހަޅައިފަ އެވެ.
އަދި މެންބަރުން ހުށަހަޅަން ޖެހޭނީ ލައިސަންސް ދީފައިވާ އޮޑިޓަރަކު ވެރިފައިކޮށްދީފައިވާ ބަޔާނަކަށް ވާން ޖެހޭނެ ކަމަށް ވެސް އިސްލާހުގައި ބުނެފައި ވެއެވެ.
އޭގެ އިތުރުން މިނިސްޓަރުން ވެސް މަގާމާ ހަވާލުވާ ދުވަހުން ފެށިގެން އަހަރު ދުވަސް ތެރޭގައި މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށް ހަދައި އަދި އެގޮތަށް އަމަލުނުކޮށްފިނަމަ މުސާރައިން ކެނޑޭގޮތަށް ހަދަން އިސްލާހުތަކުގައި ހިމަނައިފައި ވެއެވެ.
އިބްރާހިމް ހުށަހެޅުއްވި އިސްލާހުގައި ވަނީ މިނިވަން މުވައްސަސާތަކުގެ އިސްވެރިންނާއި ސަރުކާރުގެ ކުންފުނިތަކުގެ އިސް ވެރިންވެސް މާލީ ބަޔާން ބަޔާން ހުށަހަޅަން ޖެހޭ ގޮތަށް ހަދަން ހިމަނައިފަ އެވެ.
އެގޮތުން މިނިވަން މުވައްސަސާތަކުގެ ވެރިން މަގާމާ ހަވާލުވާތާ މަސް ދުވަސް އަދި ކުންފުނިތަކުގެ ވެރިން އެއް އަހަރުގެ ތެރޭގައި މާލީ ބަޔާން ހުށަހަޅަން ޖެހޭނެ އެވެ.
މާލީ ބަޔާން ހުށަހެޅުން ހަރުދަނާކުރަން އިސްލާހު ހުށަހެޅު އިރު މި ހިނގާ 20 ވަނަ މަޖިލީހުގެ ބައެއް މެމްބަރުން މި ފަހުން މަލީ ބަޔާން ހުށަހެޅިއިރު އެ ބަޔާންތައް ހުށަހަޅާފައި ހުރީ މައުލޫމާތުތައް ފުރިހަމަނުކޮށް ކަމަށް ބުނެ ފާޑުކިއުންތައް އޮތީ އަމާޒުވެފަ އެވެ.