ޚަބަރު

އަންނަ އަހަރު މަޑިފުށީގައި ހައުސިން ޔުނިޓް މަޝްރޫއެއް ފަށަން ރައީސް ވައުދުވެވަޑައިގެންފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރައީސް މުއިއްޒު މަޑިފުށީގައި-- ފޮޓޯ/ ރައީސް އޮފީސް

އަންނަ އަހަރު ތ. މަޑިފުށީގައި ހައުސިން ޔުނިޓް މަޝްރޫއެއް ފަށަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވައުދުވެވަޑައިގެންފި އެވެ.

Ads by STELCO

ރައީސް މިއަދު މަޑިފުއްޓަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ ގެދޮރުވެރިކަމަކީ ސަރުކާރުގެ އެންމެ މުހިންމު ސިޔާސަތުކަމަށާއި އަދި ކައުންސިލް މެދުވެރިކޮށް ރައްޔިތުން އެދިވަޑައިގަންނަވާ ގޮތް ހިއްސާކުރެއްވުމުން، ވަކި ސަރަހައްދެއްގައި ހިންގާ މަޝްރޫއެއްގެ ގޮތުގައި، ނުވަތަ އަމިއްލަ ގޯތިތަކުގައި ހައުސިންގ ޔުނިޓުތައް އިމާރާތްކުރާ ގޮތަށް، އެ މަޝްރޫއެއް ހިންގަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އަދި އަންނަ އަހަރު މަޑިފުށީގައި 50 ހައުސިން ޔުނިޓުގެ ގެދޮރުވެރިކަމުގެ މަޝްރޫއެއް ކުރިއަށްގެންދަވާނޭކަމަށް ރައީސް ވައުދުވެވަޑައިގެންނެވި އެވެ.

ރައީސް މިއަދު މަޑިފުއްޓަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އެ ރަށުގައި ގިނަ މަސައްކަތްތަކެއް ފައްޓަވައިދެއްވާފައެވެ. އެގޮތުން، ސްކޫލްގެ އާ އިމާރާތުގެ ބިންގާ އަޅުއްވައި، ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރާއި، ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތާއި، މަޑިފުށީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ޢަމަލީ މަސައްކަތް ވަނީ ފައްޓަވާފައެވެ.

އެ މަސައްކަތްތަކަށް އިޝާރާތްކުރައްވައި ރައީސް ވަނީ، މިއިން ކޮންމެ މަސައްކަތެއްވެސް ހަލުވި ދުވެލީގައި ކުރިއަށްގެންދަވާނޭކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ރަށުގައި މިހާރު ކުރިއަށްދާ އައިސް ޕްލާންޓުގެ މަސައްކަތްވެސް ދާދި އަވަހަށް ނިމޭނޭ ކަމަށާއި، މި އަހަރު ނިމުމުގެ ކުރިން، ފުލުހުންގެ ވެހިކަލެއްވެސް ރަށަށް ލިބޭނޭ ގޮތް ހަމަޖައްސަވައިދެއްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Ads by Allied Insurance