އަންނަ ބުރާސްފަތި ދުވަހު މަޖިލީހުގެ ޖަލްސާތައް ފަށަނީ

އަންނަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް އަލުން ފަށަން ނިންމައިފި އެވެ.
މަޖިލިީހުގެ ދެވަނަ ދައުރު ނިންމައި ޗުއްޓީއަށް ދިޔައީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ. ނަމަވެސް ޗުއްޓީގައި ވެސް ދައުރުން ބޭރުން ޖަލްސާތަކެއް ބާއްވައި ވަނީ މީޑިއާ ރެގިއުލޭޓްކުރާ ބިލު ފާސްކޮށްފަ އެވެ.
މަޖިލީހުގެ އެމްޑީޕީގެ މެމްބަރަކު "ދެން" އަށް ވިދާޅުވީ މިއަހަރުގެ ތިންވަނަ ދައުރުގެ ޖަލްސާތައް ބުރާސްފަތި ދުވަހު ފަށަން ނިންމިކަން އަންގާފައިވާ ކަމަށެވެ.
ނަމަވެސް ޖަލްސާގެ އެޖެންޑާ އަދި ނުލިބޭ ކަމަށް ވެސް މެމްބަރު ވިދާޅުވި އެވެ.
އަންނަ ދައުރުގެ ޖަލްސާތައް ފަށާއިރު މުހިންމު ބިލުތަކެއް ވެސް ހުށަހަޅަން ސަރުކާރުން މިހާރު ދަނީ ތައްޔާރުވަމުން ނެވެ.
އޭގެ ތެރެއިން ވެސް ކޮރަޕްޝަންގެ މައްސަލަތަކާ ގުޅިގެން ގެއްލިފައިވާ މުދާތައް ހޯދަން ހުށަހަޅާ އެސެޓް ރިކަވަރީއާ ގުޅޭ ބިލު ފާހަގަކޮށްލެވެ އެވެ.
