ދައުލަތުގެ އިންޓާނަލް އޮޑިޓަރުގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެ: ނައިބު ރައީސް

ދައުލަތުގެ އިންޓާނަލް އޮޑިޓަރުގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.
މިއަދު އިސްލާމީ މަރުކަޒުގެ ކޮންފަރެންސް ހޯލުގައި ފެށި ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮންފަރެންސް 2025 ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ އިންޓާނަލް އޮޑިޓަރުން، އެ ބޭފުޅުންގެ މަސައްކަތް ކުރުމުގައި ތަފާތު ގޮންޖެހުންތައް ހުރިކަން މި ސަރުކާރުން ގަބޫލުކޮށް ބަލައިގަންނަ ކަމަށެވެ.
އެހެންވެ ހާއްސަ އިސްކަމެއްދީގެން، އެކަންކަން ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.
އެގޮތުން، މިހާރު އިންޓަރނަލް އޮޑިޓަރުންނަށް ހާއްސަ އޮނިގަނޑެއް އެކުލަވައިލެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އަދި ކައިރި މުސްތަގުބަލެއްގައި، ދައުލަތުގެ އޮފީސްތަކުގެ އިންޓާނަލް އޮޑިޓަރުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެކަމުގެ އުފާވެރި ހަބަރު، މި ފުރުސަތުގައި އަޅުގަނޑު ހިއްސާ ކޮށްލަން." ނައިބު ރައީސް ވިދާޅުވި އެވެ.
ނައިބު ރައީސް އިތުރަށް ވިދާޅުވީ ދުނިޔެ ބަދަލުވަމުން، ތަހުޒީބުވަމުން ދާދިޔުމުގައި، ތަފާތު އީޖާދުތަކާއެކު، ކުރިން ދެނެނުގަނެވޭފަދަ ހިރާސްތަކާއި، ގޮންޖެހުންތަކާ އޮޑިޓް ކުރުމުގައިވެސް ކުރިމަތިލާންޖެހޭނެ ކަމަށެވެ. އެހެންކަމުން، އެ ހިރާސްތައް އޮޑިޓަރުން ދެނެގަނެ، އެކަންކަމަށް ފާރަވެރިވާން ޖެހޭކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ހަމައެހެންމެ، ކަންކަން ބޮއްސުންލައިގެން ދިޔުމުގެ ކުރިން، އެކަންކަމަށް ފާރަވެރިވެ، އިދާރާތަކުގެ އިންޓަރނަލް ކޮންޓްރޯލްތައް ވަރުގަދަ ކުރެވިއްޖެ ކަމުގައިވާނަމަ، ދައުލަތުން ހޭދަކުރާ ކޮންމެ ފައިސާ ފޮއްޗަކީވެސް، އޭގެ އެންމެ ފުރިހަމަ މަންފާ ލިބޭނެ އެއްޗެއް ކަމަށް ހެދިގެންދާނެ." ނައިބު ރައީސް ވިދާޅުވި އެވެ.
