ޚަބަރު

މާލޭގެ ބިމާ ބެހޭ މައުލޫމާތު ފެންނަ ސިސްޓަމެއް ތައާރަފްކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މާލެ ސިޓީގެ މަތިން ނަގާފައިވާ ފޮޓޯއެއް / ފޮޓޯ:ދެން އިމޭޖްސް

މާލެ ސިޓީގެ ބިމާބެހޭ ކަންކަން ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށްޓަކައި ހާއްސަ "ލޭންޑް އިންފޮމޭޝަން ސިސްޓަމެއް" މިއަދު މާލޭ ސިޓީ ކައުންސިލްއިން ރަސްމީކޮށް ތައާރަފްކޮށްފި އެވެ.

Ads by STELCO

މާލެ ސިޓީ ކައުންސިލްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ އެ ސިސްޓަމް ތައާރަފްކުރީ މިވަގުތު އެ ކައުންސިލްއަށް ލިބެން ހުރި ޑޭޓާބޭސް އަށް ބިނާކޮށް ކަމަށެވެ.

އަދި އެ ސިސްޓަމްއަކީ މި ވަގުތު ފުރިހަމަ ނިޒާމަކަށް ނުވިޔަސް ކުރިއަށް އޮތް ތަނުގައި ރާވާފައިވާ މަސައްކަތްތަކާއެކު އެ ނިޒާމު އިތުރަށް ފުރިހަމަވެ ޕްލޭންކުރުމުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެއް ޕްލެޓްފޯމެއްގެ ދަށުން މަސައްކަތް ކުރުމުގެ ފުރުސަތު ފަހިވެގެން ދާނެކަމަށް މޭޔަރު ވިދާޅުވި އެވެ.

އެ ސިސްޓަމްގެ ސަބަބުން، މާލެ ސިޓީގެ ގޭބިސީތަކުގައި ދިރިއުޅުއްވާ ފަރާތްތަކަށް، އެ ބައެއްގެ ގެދޮރާއި ގުޅޭ މަޢުލޫމާތު ފަސޭހަކަމާއެކު ލިބިގަނެވޭނެކަމަށް ވެސް މޭޔަރު ފާހަގަކުރެއްވިއެވެ.

އެ ސިސްޓަމް ފައްކާވެގެންދާއިރު ގޯތީގައި ހިންގާ ވިޔަފާރިތަކާއި، ކާރު ގަރާޖް ހުއްދަ ދެވިފައިވާ ނަމަ، އެ މަޢުލޫމާތުތައް ވެސް އެ ޕޯޓަލްގައި ހިމެނޭނެ އެވެ. ނަމަވެސް، އެ މަޢުލޫމާތުތަކުގައި ޒާތީ މައުލޫމާތުތަކެއް ހުރެދާނެ ކަމަށް ބެލެވޭތީވެ، އެ ޕޯޓަލްގެ ބައެއް މަޢުލޫމާތު ލިބޭނީ 'އީފާސް' މެދުވެރިކޮށް އެމީހެއްގެ މައުލޫމާތު އެމީހަކަށް އެކަނި ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.

މާލެ ސިޓީ ކައުންސިލުން ތައްޔާރުކުރި އެ މައުލޫމާތުތަކުގެ ތެރޭގައި، ލޭންޑް އޮޑިޓުގައި ހިމެނޭ ބިންތަކާއި އެ ބިން ބޭނުންކުރަމުންދާ ގޮތް ދައްކުވައިދޭ ޗާޓުތައް ހިމެނެއެވެ.

އޭގެ އިތުރުން، ވިލިމާލޭގެ ހުރިހާ ބިމެއްގެ މައުލޫމާތު ވެސް، ޑްރޯން އިމޭޖިނަރީ ބޭނުންކޮށްގެން، އެ ބިންތައް ވަކިވަކިން ދެނެގަނެވޭނެ ގޮތަށް ޖިއޯރިފަރެންސް މައުލޫމާތުތަކާއެކު ވަނީ ހިމަނާފައެވެ.

ލޭންޑް އިންފޮމޭޝަން ސިސްޓަމް މިހާރު ވަނީ، މާލޭގައި ހިމެނޭ ހުރިހާ ކޮށިތަކުގެ ބޮޑުމިނާއި، އެ ކޮށިތަކުގެ ތެރޭގައިވާ ގޯތިތަކުގެ ބޮޑުމިން ފެންނާނެ ގޮތަށް އަދާހަމަ ކޮށްފަ އެެވެ. އަދި މާލެއާއި ވިލިމާލޭގައިވާ ގެތަކުގެ ޢަދަދާއި، ސުކޫލުތަކާއި، ފިހާރަތަކާއި، އޮފީސްތަކުގެ މައުލޫމާތުގެ އިތުރުން، ބިން ބޭނުންކުރެވިފައިވާ އެހެނިހެން ބާވަތްތަކުގެ މައުލޫމާތުވެސް ވަކިވަކިން މި ނިޒާމުން ފެންނަން ހުންނާނެ އެވެ.

މި ލޭންޑް އިންފޮމޭޝަން ސިސްޓަމާއެކު، މާލޭގެ ތަރައްގީއަށް ކުރަންޖެހޭ ކަންކަން ދެނެގަތުމަށާއި، ބިން ބޭނުންކުރެވޭ ގޮތް ސިޓީ ކައުންސިލަށް ދެނެގަތުން އިތުރަށް ފަސޭހަވެގެންދާނެ ކަމަށް ސިޓީ ކައުންސިލްއިން ބުންޏެވެ.

Ads by HDC