ޚަބަރު

ޝިޕިން ގަވާއިދު އުވާލީ އޭޖީގެ ލަފަޔާއެކު: މިނިސްޓަރ ނަހުލާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިޖުރާތުން ބޭރުން އެއްވެސް ކަމެއް ނުކުރައްވާ ކަމަށާއި ޝިޕިން ގަވާއިދު އުވާލީ އެޓާނީ ޖެނެރަލްގެ ލަފަޔާއެކު ކަމަށް ޓްރާންސްޕޯޓު މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

Ads by STELCO

ޝިޕިން އޭޖެންޓުން ރެގިޔުލޭޓު ކުރުމާ ގުޅޭ ގަވައިދު އުވާލީ މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން މިނިސްޓަރ ނަހުލާ އަމިއްލަފުޅަށް ކަމަށް ބުނެ އެމައްސަލަ މިހާރު ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައެވެ.

މިކަމާއި ގުޅޭގޮތުން މިނިސްޓަރ މިއަދު މީޑިއާތަކަށް ވިދާޅުވީ ޝިޕިން އެޖެންސީގެ ހިދުމަތް ދިނުމާ ބެހޭ ގަވައިދުގައި މައްސަލަތަކެއް ހުރިކަމަށާއި ގަވާއިދު ހެދުމުގައި ސްޓޭކްހޯލްޑަރުންގެ ހިޔާލު ހޯދާފައިނުވާތީ އެކަން ފާހަގަކޮށް ރައްޔިތުންގެ މަޖިލީހުގެ އިގުތިސޯދީ ކޮމިޓީއިން އެމިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މަޖިލީހުން ލަފާދީފައިވަނީ ޝިޕިން އެޖެންސީގެ ހިދުމަތް ދިނުމާ ބެހޭ ގަވައިދު އެކުލަވާލުމަށް، ސްޓޭކް ހޯލްޑަރުންނާއި މަޝްވަރާކޮށް އެ ގަވާއިދު އަލުން އިސްލާހުކުރުމަށް ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ގަވާއިދުގައި ގާނޫނީ މައްސަލަތަކެއް ހުރުމުން އެކަން ބޯޑުގެ ސަމާލުކަމަށް ގެނެސް ގަވާއިދު އިސްލާހުކޮށް އެކުލަވާލަން ދެތިން ފަހަރެއްގެ މަތިން ވާނީ އަންގާފައި. އަދި ބޯޑުން ބޭނުންވީ ގަވައިދު އިސްލާހު ކުރުން ތަންފީޒުނުކޮށް މަޑުޖައްސާލާފައި ބޭއްވުމަށް ނަމަވެސް ބަންޑާރަ ނައިބުގެ ލަފަޔަކަށްވީ ގެޒެޓްކޮށްފައިވާ ގަވައިދެއް މަޑުޖައްސާލާފައި ނުބޭއްވޭނެ ކަމަށް. އަދި އެ ގަވައިދު އޮތް ގޮތުން އިސްލާހު ނުކުރެވޭނެ ކަމަށާއި އޮތް ހައްލަކީ ގަވައިދު އުވާލުން ކަމަށް ލަފާ ދެއްވި." ޓްރާންސްޕޯޓު މިނިސްޓަރ ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!