ޚަބަރު

ކޮންމެ އަތޮޅަކަށް ޕިކްނިކް އައިލެންޑެއް ތަރައްގީކުރަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ކުޑަގިރި

ކޮންމެ އަތޮޅެއްގައި ދަތުރުދާން މަދުވެގެން އެއް ރަށް ތަރައްގީކުރަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާންކުރައްވައިފި އެވެ.

އދ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅުގެ މާމިގިއްޔަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ ރަށް ރަށުގެ އާބާދީ ބޮޑުވެ ބީޗެއް ނެތި ދަތުރު ދާނެ ރަށްރަށްވެސް ނުލިބޭ ޝަކުވާ ލިބޭ ކަމަށެވެ.

އެހެންވެ އެކަމާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ކެބިނެޓަށް ކަރުދާހެއް ތައްޔާރުކުރަމުންދާ ކަމަށާއި އެ ކަރުދާސް ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ހުށަހެޅޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޕްލޭން ހުރީ ސަރުކާރުގެ ކުންފުންޏެއް މެދުވެރިކޮށް ދަތުރުދާ ރަށްތައް ތަރައްގީކުރަން ކަމަށެވެ. އަދި ދަތުރާދާ އެ ރަށްތައް ހަފްތާގެ އެކި ދުވަސް ހާއްސަ ކުރާނީ އެކި ފަރާތްތަކަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ހަފްތާގެ ބައެއް ދުވަސް ޓޫރިޒަމްގެ ބޭނުމަށް. އަނެއް ދުވަސްތައް އާއިލާތަކާއި ކުޑަކުދިންނާއި އެންމެންނަށް ބޭނުން ކުރެވޭ ގޮތަށް މިކަހަލަ އުސޫލަކުން ބޭނުންކުރެވޭ ގޮތަށް ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށް ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ރަނގަޅަށް ތަރައްގީކޮށްދިނުމުގެ ޕޭޕަރެއް އެބަ ތައްޔާރުކުރަން. އެކަން މި ކުރަނީ ކޮންމެ އަތޮޅެއްގައި ވެސް މަދުވެގެން އެގޮތަށް އެއް ރަށް ގާއިމުކުރުމަށްޓަކައި" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެކަން ކޮށްދިނުމަށް އެދި ވަރަށް ގިނަ ރަށްތަކުން އޮތީ ހުށަހެޅުންތައް ވެސް ލިބިފައި ކަމަށެވެ.

އެ ޕިކްނިކް އައިލެންޑް ތަރައްގީކުރާނީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު ވެސް ކަމަށް ރައީސް ވިދާޅުވި އެވެ.

ކޮންމެ އަތޮޅެއްގައި ދަތުރުދާން މަދުވެގެން އެއް ރަށް ތަރައްގީކުރަަނީ

Ads by Allied Insurance