ޚަބަރު

ވަގަށް އެތެރެކޮށްގެން އަތުލި 13.6 މިލިއަން ސިނގިރެޓް ގެއްލުނު މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިން / ފޮޓޯ:ދެން އިމޭޖްސް

ވަގަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް 13.6 މިލިއަން ސިނގިރެޓް ގެއްލުނު މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.

މިދިޔަ އޭޕްރީލް މަހު އެ ސިނގިރެޓްތައް އަތުލައިގަތީ ކަނޑުމަގުން ގެނައި ފްލައިވުޑް ޝިޕްމެންޓެއް ކަސްޓަމްސްއިން ބަލައި ފާސްކުރުމުގެ ތެރޭގަ އެވެ.

ނަމަވެސް އެ ސިނގިރެޓްތައް ހުރި ދެ ކޮންޓެއިނަރު އެމްޕީއެލްގެ ހުޅުމާލެ ޓާމިނަލްގައި ބަހައްޓާފައި ހުއްޓާ ސިނގިރެޓްތައް ވަނީ ގެއްލިފަ އެވެ.

އެ މައްސަަލައާ ގުޅިގެން އެމްޕީއެލްއިން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނީ އެ ސިނގިރެޓްތައް ގެއްލުނު މައްސަލައިގެ ތަހުގީގު ފުލުހުން މިހާރު ފަށާފައިވާ ކަމަށެވެ.

އެ  މައްސަލައަކީ ފުލުހުންގެ ތަހުގީގުގެ މަރުހަލާގައިވާ މައްސަލައަކަށްވާތީ އެކަމާ ގުޅޭ އިތުރު ތަފްސީލު މިވަގުތު ހާމަ ކުރެވެން ނެތް ކަމަށް ވެސް އެމްޕީއެލްއިން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން އެމްޕީއެލްގެ ކަމާގުޅުންހުރި ޑިޕާޓްމަންޓްތަކުންވެސް އެތެރޭގެ ތަހުގީގެއްވެސް މިހާރު ކުރިއަށްދާ ކަަމަށް ވެސް އެމްޕީއެލްއިން ބުންޏެވެ.

މި މައްސަލައިގެ ތަހުގީގު ނިމުމުން، ތަހުގީގު ރިޕޯޓާއި އެއްގޮތަށް އެމްޕީއެލް އިން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް ތަންފީޒުކުރާނެކަމަށް ވެސް އެމްޕީއެލްއިން ބުންޏެވެ.

ވަގަށް އެތެެރެކުރި ބްރޭންޑްތަކުގެ ސިނގިރޭޓަށް ޑިއުޓީދައްކަން އާންމުކޮށް ކަނޑައަޅާ އަގުތަކަށް ބަލާއިރު،  އެތަކެތީގެ އަގު 122 މިލިއަން ރުފިޔާއަށް އަރާނެކަމަށް ކަސްޓަމްސްއިން ލަފާކުރެ އެވެ.

މިދިޔަ އަހަރު ނިމެން އުޅެނިކޮށް ފާސްކުރި ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނުނުގެ އާ އިސްލާހުތަކާއެކު ދުންފަތުގެ ބާވަތްތަކުން ޓެކްސް ވަނީ ވަރަށް ބޮޑުތަނުން ބޮޑުކޮށްފަ އެވެ.

އެއާއެކު ސިނގިރެޓްއިން ނަގާ ޓެކްސް ބޮޑުވެ އޭގެ އަގު ވަނީ އިންތިހާއަށް އުފުލިފަ އެވެ. އެހެންވެ ފަހަކަށް އައިސް ވަގަށް ސިނގިރެޓް އެތެރެކުރަނިކޮށް އަތުލައިގަންނަ މިންވަރު ވަނީ އިތުރުވެފަ އެވެ.

Ads by HDC