ޚަބަރު

ދާއޫދުއަށް ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވަނިކޮށް ހުޅުމާލެ ޕޮލިސް ހިންގުން ޓޫފޯއާ ހަވާލުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މިއަަދުގެ ޕްރެސްގައި ސުޕްރިޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދު ވާހަކަ ދައްކަނީ

ހުޅުމާޅެ ޕޮލިސްގެ އެންމެ އިސްވެރިޔާގެ މަގާމުގައި ހުންނެވި އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ދާއޫދަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވަނިކޮށް ހުޅުމާލެ ޕޮލިސް ހިންގުން އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އަހުމަދު މުހައްމަދު (ޓޫފޯ) އާ ހަވާލުކޮށްފި އެވެ.

Ads by STELCO

ދާއޫދުގެ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް މިއަދު ހިލުނީ ފުލުހުންގެ ވެލްފެއާ ކުންފުނި ޕޮލްކޯއިން ހިންގި ބްލޫ ހައުސިންގެ މަޝްރޫއާ ގުޅޭ އޮޑިޓް ރިޕޯޓާ ގުޅޭ މައްސަލަ ބަލަން ހެދި ސަބް ކޮމިޓީގެ މިއަދު ބައްދަލުވުމުގައި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އެކަން ފާހަގަކުރެއްވުމުންނެވެ.

ދާއޫދާއި އޭނާގެ އާއިލާގެ ބައެއް މެންބަރުންގެ އެކައުންޓުތަކަށް ނާޖާއިޒް ފައިސާ ޖަމާވެފައިވާކަން ފާހަގަކުރެވިފައިވާކަމަށް ނާޒިމް ވިދާޅުވި އެވެ.

އެ ސީރިއަސް ތުހުމަތުތަކާ ގުޅިގެން ސަރުކާރުން ވަކި އެއްޗެއް ހާމަ ނުކުރާއިރު ފުލުހުންގެ މީޑިއާ އޮފިޝަލު "ދެން"އަށް މިރޭ ވިދާޅުވީ ހުޅުމާލެ ޕޮލިސް ހިންގުން  އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދު (ޓޫފޯ) އާ މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ.

އެ ނިންމުން ނިންމީ ދާއޫދު 14 ދުވަހުގެ ޗުއްޓީއެއް މާދަމާއިން ފެށިގެން ނަންގަވާތީ ކަމަށް ވެސް މީޑިއާ އޮފިޝަލު ވިދާޅުވި އެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

ކުރިން ފުލުހުންގެ ޗީފް ސުޕްރިންޓެންޑެންޓްގެ މަގާމުގައި ހުންނެވި ދާއޫދު އެސިސްޓެންޓް ކޮމިޝަނަރުގެ މަގާމަށް ޕްރޮމޯޓްކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.

ކުރިން 2021 ވަނަ އަހަރު ޕޮލިސް ބޯޑުގެ ލަފާގެ މަތިން ވަކިކުރަން ނިންމި އޮފިސަރުންގެ ތެރޭގައި ވެސް ދާއުދު ހިމެނުނެވެ. ނަމަވެސް ފަހުން ސިވިލް ކޯޓަށް އެ މައްސަލަ ހުށަހެޅުމުން ވަނީ އެ ނިންމުމަށް އަމަލުކުރަން ހުއްޓުވައި އަދި ބޯޑުގެ ނިންމުންވެސް ބާތިލުކުރުމާއެކު އޭނާގެ ވަޒީފާ ނުގެއްލި އޮތީ އެވެ.

Ads by Ooredoo