ޚަބަރު

ވަގަށް އެތެރެކުރި ތިން މިލިއަނަށް ވުރެ ގިނަ ސިނގިރެޓް ނައްތާލައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ސިނިގިރެޓްތައް ނައްތާލަނީ--

ރާއްޖެއަށް ވަގަށް އެތެރެކުރި ތިން މިލިއަނަށް ވުރެ ގިނަ ސިނގިރެޓް ކަސްޓަމްސްއިން މިއަދު ނައްތާލައިފި އެވެ.

ކަސްޓަމްސްއިން ބުނީ އެ ސިނގިރެޓްތައް ނައްތާލީ ކ. ދޫނިދޫގައި މީޑިއާގެ ހާޒިރުގައި ކަމަށެވެ.

އެގޮތުން މިއަދު 3,183,040 ނައްތާލިކަމަށް ވެސް ކަސްޓަމްސްއިން ބުންޏެވެ.

އެ ތަކެއްޗަކީ ގާނޫނާ ގަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސްގެ ބަލައިފާސްކުރުމުގެ ތެރެއިން ހޯދިފައިވާ ތަކެތި ކަމަށް އެ އިދާރާއިން ބުންޏެވެ.

ނަމަވެސް އެއީ ކޮން އިރަކު އަތުލައިގަތް ތަކެތި ކަމެއް ކަސްޓަމްސްއިން ނުބުނެ އެވެ.

މިދިޔަ އަހަރު ނިމެން އުޅެނިކޮށް ފާސްކުރި ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނުނުގެ އާ އިސްލާހުތަކާއެކު ދުންފަތުގެ ބާވަތްތަކުން ޓެކްސް ވަނީ ވަރަށް ބޮޑުތަނުން ބޮޑުކޮށްފަ އެވެ.

އެއާއެކު ސިނގިރެޓްއިން ނަގާ ޓެކްސް ބޮޑުވެ އޭގެ އަގު ވަނީ އިންތިހާއަށް އުފުލިފަ އެވެ. އެހެންވެ ފަހަކަށް އައިސް ވަގަށް ސިނގިރެޓް އެތެރެކުރަނިކޮށް އަތުލައިގަންނަ މިންވަރު ވަނީ އިތުރުވެފަ އެވެ.

އެގޮތުން މިދިޔަ އޭޕްރީލް މަހު ވެސް 13.6 މިލިއަން ސިނގިރެޓް ވަގަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް އިރު އެ ތަކެތި ފަހުން އެމްޕީއެލްގެ ބެލުމުގައި ދަށުގައި ހުއްޓާ ވަނީ ގެއްލިފަ އެވެ.

އެ މައްސަލަ ފުލުހުން ބަލަމުންދާ އިރު ހަތަރު މީހަކު ވަނީ ހައްޔަރުވެސްކޮށްފަ އެވެ.