ޚަބަރު

މީޑިއާ ކޮމިޝަންގެ ނާއިބު ރައީސްގެ މަގާމަށް ޒަމްއަތު އިންތިހާބުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ޒަމްއަތު--

މީޑިއާތައް ރެގިއުލޭޓްކުރަން އަލަށް އުފެއްދި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ނާއިބު ރައީސްގެ މަގާމަށް ޒަމްއަތު ވަހީދު މިއަދު އިންތިހާބުކޮށްފި އެވެ.

ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ އާ ކޮމިޝަންގެ ގަވައިދު ބުނާގޮތުން އެ ކޮމިޝަންގެ ނާއިބު ރައީސް އައްޔަނުކުރާނީ ކޮމިޝަންގެ މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުން ނެވެ.

މިއަދު ވަނީ އެ ގަވައިދާ އެއްގޮތަށް ކޮމިޝަންގެ ނާއިބު ރައީސްގެ މަގާމަށް ބޭފުޅަކު އިންތިހާބުކޮށްފަ އެވެ. އެ މަގާމަށް ޒަމްއަތު އިންތިހާބުވެވަޑައިގެންނެވީ ކޮމިޝަންގެ މެމްބަރު ހުސައިން ސަފީގްއާ ވާދަކުރައްވައިގެން ނެވެ.

ޒަމްއަތަކީ އާ ކޮމިޝަން އުފައްދަންވެގެން އުވާލި ބްރޯޑްކޮމްގެ މެމްބަރެއްވެސް މެއެވެ. އާ ކޮމިޝަންގައި ވެސް ޒަމްއަތަކީ ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެމްބަރެވެ.

އާ މީޑިއާ ކޮމިޝަން އެކުލެވިގެންވަނީ މީޑިއާތައް ތަމްސީލުކުރާ ހަތަރު މެމްބަރުންނާއި މަޖިލީހުން މޑިއާ ކޮމިޝަންއަށް އައްޔަނުކުރާ ތިން މެމްބަރުންގެ މައްޗަށެވެ.

މީޑިއާތައް ތަމްސީލުކުރައްވާ މެމްބަރުންނަކީ

  • ސިމާހާ ނަސީމް
  • އަބްދުލްއަޒީޒް އިބްރާހިމް
  • ހުސައިން ސަފީގް
  • ޒަމްއަތު ވަހީދު

މަޖިލީހުން އައްޔަނުކުރި މެމްބަރުން

  • ސަފާ ޝަފީގު
  • އާމިނަތު ސަރާހަތު އިއްޒަތު
  • މުހައްމަދު ފަރުސަތު

މި ކޮމިޝަނުގެ މެންބަރުން ވަކިކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް އޮވެ އެވެ. އެހެންވެ މިއީ މީޑިއާތައް ސެލްފް ރެގިއުލޭޓް ކުރުމުގެ އުސޫލުތަކާ ޚިލާފަށް އޮތް ކަމަކަށް ވާތީވެ، ބައެއް ނޫސްވެރިން މި ކޮމިޝަން ހެދުމަށާއި އާ ގާނޫނާ ދެކޮޅަށް ނުކުމެފައިވެ އެވެ.

Ads by HDC