ސަޕްލިމެންޓްރީއެއް ހުށަނާޅާ އަހަރަށް ފަހު، 2026ގެ ބަޖެޓު މިއަދު 2 ޖަހާއިރު
ހަރަދު ކުޑަކުރަން އެޅި ފިޔަވަޅުތަކާ އެކު މި އަހަރު ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅާފައި އަންނަ އަހަރަށް ލަފާކުރާ ބަޖެޓު މިއަދު 2 ޖަހާއިރު މަޖިލީހަށް ހުށަަހަޅާނެއެވެ.
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު , އަންނަ އަަހަރަށް ހުށަހަޅުއްވާ ބަޖެޓުގައި ހުންނާނެ ކަމަށް ބެލެވޭ މުހިންމު ބައިތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ރަށްރަށް ކުރެއްވި ދަތުރުފުޅުތަކުގައި ވަނީ ވިދާޅުވެ ދެއްވައިފައެވެ. މިގޮތުން ސިއްހީ ދާއިރާއަށް މި އަހަރު ހާއްސަކަމެއް ދޭނެއެވެ. މީގެ އިތުރުން ލާމަރުކަޒީ ނިޒާމުގައި ހުރި މައްސަލަތައް ހައްލުކޮށް އޮތް ނުހަމަކަން ނައްތާލާނެއެވެ. އަދި ސަރުކާރު މުވައްޒަފުންގެ ޕޭހާމަނައިޒް ކުރާނެއެވެ.
އަންނަ އަހަރުގެ ބަޖެޓު ހުށަހަޅާއިރު، މި އަަހަރު ވެގެން މިދަނީ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަނާޅާ މަދު އަހަރުތަކުގެ ތެރޭން އަހަރަކަށެވެ. މި އަހަރު ސަޕްލިމެންޓްރީއެއް ހުށަހަޅަން ނުޖެހުނު ސަބަބަކީ ބަޖެޓު ސާޕްލަސްވުމެވެ. މިހާރުގެ އަންދާޒާތައް ދައްކާ ގޮތުން މި އަހަރު އޮވަރޯލް ބަޖެޓު ސާޕްލަސް ހުރީ 1.57 ބިލިއަން ރުފިޔާގައެވެ. އަދި ބަޖެޓުގެ ޕްރައިމަރީ ބެލެންސް ސާޕްލަސް ހުރީ 3.23 ބިލިއަން ރުފިޔާގައެވެ.
ސަޕްލިމެންޓަރީ ބަޖެޓު ހުށަހެޅި އަހަރުތައް
2015 - ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅާފައިވޭ
2016 - ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅާފައިވޭ
2017 - 500 މިލިއަން ރުފިޔާ
2019 - 1.7 ބިލިއަން ރުފިޔާ
2023 - 6.5 ބިލިއަން ރުފިޔާ
2024 - 1.2 ބިލިއަން ރުފިޔާ
މި އަހަރުގެ ބަޖެޓަށް ސަރުކާރުން ދާއިރު، ފިނޭންސުން މި އަހަރު ހަރަދުގެ ގޮތުގައި 49.2 ބިލިއަން އޮތް އަދި އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައި ވެއެވެ.
