މަސްތުވާތަކެއްޗާ އެކު ލ. އަތޮޅުން ދެމީހަކު ހައްޔަރުކޮށްފި
މަސްތުވާތަކެއްޗާ އެކު ލ. އަތޮޅުން 2 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނެފިއެވެ.
މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ލ. އަތޮޅުގައި ފުލުހުން ހިނގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައި ވަނީ ލ. ގަން، ހުދުފުސް ޢުމުރުން 60 އަހަރުގެ ޔޫސުފް ނަސީމާއި ލ. މުންޑޫ، ހީނާވިލާ ޢުމުރުން 55 އަހަރުގެ އަޙްމަދު ޝަފީޤްކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މި މައްސަލާގައި ހައްޔަރު ކުރެވުނު ޔޫސުފް ނަސީމް ހައްޔަރުކޮށްފައި ވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ލ. ގަމު ޕޮލިހުންނާ ގުޅިގެން ހިންގުނު އޮޕަރޭޝަނެއްގައި ނަސީމް ދިރިއުޅޭ ގެ ބަލައި ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ ތަކެއްޗާއި މަސްތުވާތަކެތީގެ ވިޔަފާރިކުރަން ބޭނުންކުރާކަމަށް ޝައްކު ކުރެވޭ ތަކެތި އެ ގެއިން ފެނިފައިވާތީކަމަށާއި އަދި އެތަކެތީގެ ބަރުދަނުގައި 5.39 ގުރާމު ހުންނާނެކަމަށް ލަފާކުރެވޭކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލަގައި ދެން ހައްޔަރު ކުރެވުނު އަޙްމަދު ޝަފީޤު ހައްޔަރުކޮށްފައި ވަނީ ލ. ދަނބިދޫ ބަނދަރު މަތިން، އޭނާގެ ހަށިގަނޑު ބަލައި ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެއްޗަށް ޝައްކު ކުރެވޭ ތަކެތި ފެނިފައިވާތީކަމަށާއި އެ ތަކެތީގެ ބަރުދަނުގައި ގާތްގަނޑަކަށް 46.32 ގުރާމު ހުންނާނެކަމަށް ފުލުހުން ބުނެއެވެ.
ހައްޔަރުކުރެވުނު 2 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ނަސީމް ބަންދަށް 10 ދުވަސް އަދި އަޙްމަދު ޝަފީޤް ބަންދަށް 5 ދުވަސް ކޯޓުން އަމުރުކޮށްފައިވާކަމަށް ހުލުހުން މަޢުލޫމާތުދެއެވެ.
މި މައްސަލަ އިތުރަށް ތަޙްޤީޤު ކުރަމުންދާކަމަށް ފުލުހުން ބުނެފައިވެއެވެ.
