ޚަބަރު

205 މަޝްރޫއު ޕްރައިވެޓް ސެކްޓާއާ މާދަމާ ހަވާލުކުރަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރައީސް މުއިއްޒު އައްޑޫ ސިޓީގައި މިރޭ ބޭއްވި ޖަލްސާގައި-- ފޮޓޯ/ރައީސް އޮފީސް

މާދަމާ ޕްރައިވެޓް ސެކްޓާގެ ކުންފުނިތަކާ 205 މަޝްރޫއު ހަވާލުކުރަން ނިންމައިފައިވާ ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާންކުރައްވައިފިއެވެ.

Ads by MPL

ރައީސް އެކަން އިއުލާންކުރެއްވީ އައްޑޫ ސިޓީއަށް މިއަދު ކުރެއްވި ދަތުރުފުޅުގައި އައްޑޫގެ ހައި ސްކޫލުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އަދި އެ މަސައްކަތް މުޅިން ވެސް ހަވާލުކުރާނީ ޕްރައިވެޓް ސެކްޓާގެ ކުންފުނިތަކާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މާދަމާ ހަވާލުކުރާ ކޮންމެ މަޝްރޫއަކީ ވެސް އެ މަނިކުފާނު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވައުދުވެވަޑައިގެންފައި ހުރި މަޝްރޫއުތައް ކަމަށެވެ.

"އޭގެ ތެރެއިން މި 205 މަޝްރޫއުގެ އިތުރަށް އޭގެ ތެރޭގައި ޖުމްލަ 213 މަޝްރޫއު ޕްރައިވެޓް ސެކްޓާއާ ހަވާލުކުރަން ވަނީ ނިންމިފަ. އޭގެ ތެރެއިން އަށް މަޝްރޫއު މި ދަތުރުގައި ފުވައްމުލަކާއި އައްޑޫ ސިޓީގައި މި ސޮއިކުރީ," ރައީސް ވިދާޅުވިއެވެ.

ސޮއިކުރާ ދާއިރާތަކުގެ ތެރޭގައި ކުޅިވަރާއި ސިއްހީ ދާއިރާއާއި އަމާން އަމާންކަމާއި މަތީ ތަައުލީމާ ގުޅޭ މަޝްރޫއުތައް ހިމެނޭކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ޕްރައިވެޓް ސެކްޓާއާ މަޝްރޫއުތައް ހަވާލުކުރުމުން ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ވެސް ވަރަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ދެން"އަށް އެނގިފައިވާ ގޮތުން އެ މަޝްރޫއުތައް ހަވާލުކުރަން މާދަމާ ބޮޑު ރަސްމިއްޔާތެއް ވެސް ބާއްވަން ވަނީ ނިންމައިފައެވެ.

ގިނަ އަދަދެއްގެ މަޝްރޫއުތައް ޕްރައިވެޓް ކުންފުނިތަކާ ހަވާލުކުރާ އިރު މި ފަހުން ސަރުކާރުން ބޮޑެތި މަޝްރޫއުތައް އޮތީ މަޑު ޖައްސާލައިފައެވެ. އަދި އެކަމާ ގުޅިގެން ޕްރައިވެޓް ކުންފުނިތަކަށް އޮތީ މާލީ ގޮތުން ވަރަށް ބޮޑަށް އަސަރުކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!