ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުގެ ވަޒީފާ އިއާދަކޮށްފި
މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ޑެޕިއުޓީ ކޮމިޝަނަރު މަހުމޫދު ރިޔާޒުގެ ވަޒީފާ އިއާދަކޮށް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ފާއިތުވި އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހު ކަސްޓަމްސް ޑެޕިއުޓީ ކޮމިޝަނަރުގެ މަޤާމުން ވަކިކުރެއްވި މަހުމޫދު ރިޔާޒުގެ ވަޒީފާ އަލުން އިއާދަކޮށް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށެވެ.
ޤަވައިދާ ޚިލާފަށް ސިނގިރޭޓް އެތެރެކުރުމާއި ބޮންޑެޑް ވެއަރހައުސްއިން ގެއްލުނު މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ 241ވަނަ ކޮމިޓީއިން އެ މައްސަލަ ދިރާސާކުރުމަށް ފަހު ވަޒީފާގެ މަގާމުން ވަކިކުރަން ކޮމިޓީން ރައީސަށް ލަފާއެރުވި ބޭފުޅުންގެ ތެރޭގައި މަހުމޫދުގެ ނަން ވެސް ހިމެނިވަޑައިގަންނަވައެވެ.
ނަމަވެސް ކޮމިޓީގެ ސިއްރު ބައްދަލުވުމެއްގައި އެ ކޮމިޓީން އެ ނިންމުން ބަދަލުކޮށް، އަލުން މަހުމޫދުގެ ވަޒީފާ އިއާދަކޮށްދިނުމަށް ރައީސަށް ވަނީ ލަފާއަރުވައިފައެވެ.
މަހުމޫދު ރިޔާޒަކީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް 30 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކޮށްދެއްވާފައިވާ ފަރާތެއްކަން ފާހަގަކޮށްލެވެއެވެ.

