ބިދޭސީންގެ އައިޑީ ދެނެގަތުމާއި ޕާސްޕޯޓް ޚިދުމަތްތަކަށް އިންގިލާބީ ބަދަލެއް އަންނާނެކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް 2.0ގެ ދަށުން މޯލްޑިވްސް އިމިގްރޭޝަންގެ ޚިދުމަތްތައް ޑިޖިޓަލައިޒްކުރުން އިފްތިޠާޙް ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އިޙްސާން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ޑިޖިޓަލައިޒޭޝަން ސިޔާސަތުގެ ދަށުން އިމިގްރޭޝަންގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރެވުމަކީ ރައްޔިތުންނަށް ލިބިގެންދާ ވަރަށް ބޮޑު ފަސޭހައެއްކަމަށެވެ. ހަމައެހެންމެ އެއީ ބިދޭސީންގެ އައިޑީ ދެނެގަތުމާއި ވިސާގެ ޚިދުމަތަތަކަށް ވެސް ލިބިގެންދިޔަ ފަސޭހައެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
"އައިޑީ ޗެކަރގެ ނަމުގައި ތަޢާރަފް ކުރެވޭ އެޕްލިކޭޝަނަކީ ލޭބަރ ރިލޭޝަންސް އޮޓޯރިޓީ، ހެލްތު ޕްރޮޓެކްޝަން އިމަޖެންސީ ފަދަ ތަންތަނަށް ވެސް އެކްސެސް ދެވޭނެ އެޕްލިކޭޝަނެއް." ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ބިދޭސީން ބޭސްފަރުވާގެ ހޯދުމުގެ ޚިދުމަތާއި ބައެއް ޙާލަތުގައި ބިދޭސީއަކު ނިޔާވެގެން ހޮސްޕިޓަލާ ހަމައަށް ގެންދެވޭ އިރު ވެސް ކާކުކަން ދެނެގަތުމަށް ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށާއި އަތޮޅުތަކަށް ވެސް ޑިޖިޓަލައިޒް ކުރުމުން ޚިދުމަތް ދިނުމަށް ފަސޭވެގެންދާނެކަމަށް ވަޒީރު އިޙްސާން ވިދާޅުވިއެވެ.
"ރަށްރަށުގައި ތިބޭ ކައުންސިލްތަކުން ބިދޭސީންގެ ސައިޓް މޮނިޓަރކުރަން، އެ ޙާލަތުގައި އެ މީހުންނަކީ ކޮން ބައެއްކަން ކަށަވަރު ކުރެވޭނެ މަގެއް ނެތުން. ނަމަވެސް މި ކަންކަމަށް ޙައްލު ލިބިގެންދާނެ ޑިޖިޓަލައިޒްވުމާ އެކު." ވަޒީރު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޑިޖިޓަލައިޒޭޝަން ސިޔާސަތުގެ ދަށުން ގިނަ މުއައްސަސާތަކެއްގެ ޚިދުމަތްތައް ޑިޖިޓަލްކޮށް ދިނުމަށް ކުރަމުންދާ މަސައްކަތުގައި މިހާރު ވަނީ މަސްވެރިކަމާ ގުޅިގެން ދޫކުރެވޭ ލައިސެންސް ދިނުމުގެ ޚިދުމަތް ވެސް ޑިޖިޓަލްކޮށް ދިނުމަށް ފަށައިފައެވެ.

