ވާނުވާ ބަންދުގެ މައްސަލައަށް ޙައްލު ލިބޭނެކަމުގެ ޔަޤީންކަން ދެން: ރައީސް
ވާނުވާ ބަންދުގެ މައްސަލައަށް ޙައްލު ލިބޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޖުޑިޝަރީ މިނިވަންކޮށް ގެންނަ ބަދަލުތަކުން ވާނުވާގެ މައްސަލަތަކަށް ޙައްލު ލިބޭނެ ކަމަށާއި އަންނަ އަހަރުގެ ބަޖެޓުން ވަކި އިންސައްތައެއް ޖުޑިޝަރީއަށް ކަނޑައަޅާނެކަމަށެވެ. އަދި ކުރިން ވަކި ތަނަކުން ހުއްދަތައް ނަގައިގެން ޚަރަދުތައް ކުރަންޖެހޭ ގޮތް ނިމުމަކަށް ގެނެވި، ޚިދުމަތްތަކާއި މަސައްކަތްތައް އަވަސްވުމަށް މަގު ފަހިވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
"ޖުޑިޝަރީއަށް ވަކި އެކައުންޓެއް ކަނޑައަޅާ، އަމިއްލައަށް ޚަރަދުތައް ބެލެހެއްޓޭނެ ގޮތް އެވަނީ ކަނޑައަޅާފައި. މިނިވަންކަމާ އެކު ޚިދުމަތްކުރުމާއި، ބޭނުންވާ ވަސީލަތްތައް ހޯދުމާއި، މުވައްޒަފުން ހޯދުމާއި، އަދިވެސް މުހިންމު ކަންތައްތައް އަމިއްލައަށް ކުރެވޭ ގޮތް އެވަނީ ހަމަޖެހިފައި." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ހަމައެހެންމެ، ޢަދުލު އިންސާފު ޤާއިމުކުރުމުގެ މަސައްކަތް އަވަސްކުރުމާއި ވާނުވާ ބަންދުގެ މައްސަލަތަކަށް ޙައްލު ގެނެވޭނެ ކަމަށާއި ޤާނޫނީ ގޮތުން ގެންނަންޖެހޭ އިސްލާޙުތައް ގެނައުމަށް ސަރުކާރުން އެއްބާރުލުން ދޭނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ވާނުވާ ބަންދުގައި ތިބެގެން ނުވާނެ. އެމީހުންގެ ޙައްޤުތަކެއްވޭ. 100 ޔަޤީން، މި ގެނެވޭ ބަދަލުތަކާ އެކު މައްސަލަތައް އަވަހަށް ނިންމަން ޖުޑިޝަރީން މަސައްކަތް ކުރާނެކަން. ޤާނޫނީ އިސްލާޙުތައް ގެންނަންޖެހޭ ކަންކަމުގައި ސަރުކާރުން ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދޭނެކަމުގެ ޔަޤީންކަން ދެން. އެއީ މަޖިލީހުގެ ތެރެއިންވިއަސް، ޝަރުޢީ ދާއިރާގެ ކަންކަމަށް ވިޔަސް އެއްބާރުލުން ދޭނަން." ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އައު އިމާރާތަކީ ޝަރުޢީ ދާއިރާގެ މައްސަލަތައް އަވަހަށް ކޯޓުތަކަށް ވައްދާ، ޝަރީޢަތްތައް އަވަހަށް ކުރިއަށް ގެންގޮސް ޢަދުލުއިންސާފު ރައްޔިތުންނަށް ހޯދައިދިނުމަށް ލިބިގެންދިޔަ ކުރިއެރުމެއް ކަމަށެވެ.
ރައީސްގެ ވާހަކަފުޅުން ވާނުވާ މައްސަލަތަކަށް ޙައްލު ލިބޭނެ ކަމުގެ ޔަޤީންކަން ދެއްވީ، ވާނުވާ ބަންދުގެ މައްސަލަތަކާ ގުޅިގެން ސޯޝަލް މިޑިއާގެ މަސްރަހު ހޫނުވެފައިވާ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލެވެއެވެ.
