ނޫސްވެރިކަމުގެ ދާއިރާއިން ކިޔަވަން ސަރުކާރުން އެހީތެރިވަނީ
ނޫސްވެރިކަމުގެ ދާއިރާއިން ކިޔަވަން ބޭނުންވާ ޒުވާނުންނަށް ސަރުކާރުން އެހީތެރިވެދޭނެ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހީމް ވަޙީދު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ޔޫތު މިނިސްޓްރީއާ ދެމެދު އިސްތިރާޖީ ފަހުމުނާމާގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ރާއްޖޭގެ ހުރިހާ ނޫސްވެރިން، ނޫސްވެރިކަމުގެ ދާއިރާއިން ތަޢުލީމު ޙާސިލްކުރުމަށާއި އެ ފަދަ ފަރާތްތަކަށް ސަރުކާރުން އެއްބާރުލުން ދެއްވާނެކަމަށެވެ. އަދި މި ފަދަ ޢިލްމުތަކުން ލިބޭ ފައިދާ މި ދާއިރާއަށާއި ނޫސްވެރިންނަށް ކުރާނެކަމަށާއި ޢިލްމު ލިބިގެން ލިޔާ އެއްޗެހީގެ ތަފާތުކަން ފެންނާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ރާއްޖޭގެ ނޫސްވެރިންގެ ގާތްގަނޑަކަށް %90ކުދިންނަކީ މި ދާއިރާއަށް ޝައުޤުވެރިވެގެން، މި ދާއިރާ ތެރެއިން ދަސްވި އެއްޗެއްގެ ތެރެއިން ބޮޑުވަމުން އަންނަ ކުދިން. ހުރިހާ ނޫސްވެރިންނަށް ދަންނަވާނީ މި ޕްރޮގުރާމުގައި ބައިވެރިވާށޭ. ދަސްވާ އެއްޗެހި ތަފާތުވާނޭ. އެނގޭ މިންވަރު ތަފާތު ވާނޭ. ކޯސް ނިންމާފަ ދެން ލިޔާ އެއްޗެހި ކުރިން ލިޔުނު އެއްޗެހި ތަފާތުވާނޭ." ވަޒީރު ވަޙީދު ވިދާޅުވިއެވެ.
ނޫސްވެރިން ދުނިޔޭގެ އެެކި ކަންކޮޅުތަކުގައި ހިނގާ ކަންކަން ހޯދައި، ޞައްޙަ މަޢުލޫމާތު ރައްޔިތުންނާއި ހަމައަށް ފޯރުކޮށް ދިނުމަށް ކުރާ މަސައްކަތަކީ ބުރަ، ވަރަށް ގިނަ ވަގުތު އެކަމަށް ހޭދަ ކުރަންޖެހޭ ކަމެއްކަން ފާހަގަކޮށްލެވެއެވެ.
