ޚަބަރު

ހާލަތު ބަލަން ނާޒިމްއާއި ރެޑްވޭވް ސަލީމް އެމްޕީއެލްގެ ބަނދަރަށް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ނާޒިމްއާއި ސަލީމް އެމްޕީއެލްގެ ބަނދަރުގައި

ހާލަތު ބަލަން ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަހުމަދު ނާޒިމްއާއި މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ މުގައްރިރު އަހުމަދު ސަލީމް (ރެޑްވޭވް)  އެމްޕީއެލްގެ ވިޔަފާރި ބަނދަރަށް މިއަދު ޒިޔާރަތްކުރައްވައިފަ އެވެ.

Ads by MPL

އެމްޕީއެލައިން ބުނީ އެ ޒިޔާރާތުގައި އެމްޕީއެލްގެ މަސައްކަތްތަކާ ގުޅޭގޮތުން، އެ ކުންފުނީގެ ސީއީއޯ ޑީސީޕީ (ރިޓަޔާޑް) މުހައްމަދު ރިޝްވާން އަދި ކުންފުނީގެ މެނޭޖްމަންޓްއިން ދެ ބޭފުޅުންނަށް މައުލޫމާތު ދެއްވި ކަމަށެވެ.

އެ ޒިޔާރަތާ ގުޅޭ އިތުރު މައުލޫމާތު އެމްޕީއެލްއިން ހާމައެއް ނުކުރެ އެވެ.

ނާޒިމްއާއި ސަލީމް އެމްޕީއެލްގެ ވިޔަފާރި ބަނދަރު ސަރަހައްދަށް ޒިޔާރަތްކުރެއްވި އިރު މި ފަހުން އެމްޕީއެލްގެ ބޮޑެތި މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ.

އޭގެ ތެރެއިން ވެސް އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ މިދިޔަ އޭޕްރީލް މަހު ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް 13.6 މިލިއަން ސިނގިރެޓްތައް ބަހައްޓާފައި ހުރި ދެ ކޮންޓޭނަރު އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުއްޓާ ވަގަށް ގެންދިޔަ މައްސަލަ އެވެ.

އެ މައްސަލައިގައި ނުވަ މީހަކު ހައްޔަރުކުރި އިރު އޭގެ ތެރޭގައި އެމްޕީއެލްގެ ތިން މުވައްޒަފަކުވެސް ހިމެނެ އެވެ.

އޭގެ އިތުރުން އެމްޕީއެލްގެ ބަނދަރާ ކައިރިން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި އެ ކުންފުނީގެ  ލޭބަރާގެ މަގާމުގައި ހުރި ދެ މުވައްޒަފުން ވެސް ވަނީ މަރުވެފަ އެވެ.

Ads by Ooredoo