ގޭންގެއްގެ ޝަރުތު ހަމަވާ ބަޔަކު މިހާރު ނެތް: ރައީސް
ގޭންގެއްގެ ޝަރުތު ހަމަވާ އެއްވެސް ގޭންގެއް މިހާރު ރާއްޖޭގައި ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސް އެފަދައިން ވިދާޅުވީ މި ސަރުކާރަށް ދެ އަހަރު ފުރުމާއި ގުޅިގެން މިރޭ ސޯޝިއަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނެވެ.
'ގޭންގު ކުށްތައް ހުއްޓުވުމުގެ ބިލު"ގެ ދަށުން ގޭންގުތައް އޮޕަރޭޓްކުރާނަމަ ހަރުކަށި އަދަބު ދެވޭ ގޮތަށް ގާނޫނެއް ތަސްދީގުކޮށް އަމަލުކުރަން ފެށީ މިދިޔަ އޮގަސްޓު މަހު އެވެ.
މިރޭ ރައީސް ވިދާޅުވީ އެ ގާނޫނާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާންގެ އަރިހުން ހިސާބު ކިތާބު އެއްސެވި ކަމަށެވެ.
"ހޯމް މިނިސްޓަރު ކައިރީގައި އަހައިފިން މިހާރު ކިތައް ގޭންގެއް ކަނޑައެޅިއްޖެތޯ. ހޯމް މިނިސްޓަރު ވަރަށް އުފާވެލާފައި ވިދާޅުވެއްޖެ މިހާރު ނެތޭ. ތިމަންނަމެން ޕީޖީއަށް ފޮނުވައިގެން ޕީޖީ ވިދާޅުވެއްޖެއޭ ނެތޭ ތި ޝަރުތު ހަމަވާ އެއްވެސް ގޭންގެއް" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކުރިން ގޭންގުތަކުގައި އުޅުނު ހުރިހާ ފަރާތްތަކުން އެކަން ހުއްޓާލައި މިހާރު ވިޔަފާރިކޮށް އަބުރުވެރި ދިރިއުޅުމެއް އުޅެވޭތޯ ބަލަން މިހާރު "ނޯމަލް" ދިރިއުޅުމަށް ގޮސްފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ މިއީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
އަދި ސަރުކާރުން ބޮޑެތި އަދަބުތަކާއެކު ގާނޫނުތައް ހަދަނީ އަދަބު ދިނުމުގެ މަގުސަދުގައި ނޫން ކަމަށެވެ. އަދި އަސްލު މަގުސަދަކީ ޒުވާނުން ނުބައި ކަންކަމުން ސަލާމަތްކޮށްދީ "މެއިން ސްޓްރީމް" ކުރަން ކަމަށެވެ.
އަދި އޭގެ ނަތީޖާ ވަރަށް ރަނގަޅަށް ފެންނަމުންދާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

