ވެލިދޫއަށް މަސްތުވާތަކެތި އެތެެރެކުރަން އުޅުނު އިންޑިއާ މީހަކު ހައްޔަރުކޮށްފި
ނ. ވެލިދޫއަށް މަސްތުވާތަކެތި އެތެެރެކުރަން އުޅުނު އިންޑިއާ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މީހާ ހައްޔަރުކުރީ މާލެއިން ވެލިދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަންއެއްގެ ތެރެއިން ކަމަށެވެ.
އެ މައްސަލައިގައި ހައްޔަރުކުރީ ގުރުދީޕް ސިންހު، އިންޑިއާ (30އ) އެވެ.
ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ވެލިދޫ ޕޮލިސް ގުޅިގެން އިއްޔެ ހިންގި އެ އޮޕަރޭޝަންގައި، ވެލިދޫ ބަނދަރުމަތިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 12 ރަބަރު ޕެކެޓާއި ފިލްމު ހުސްކުރި ދަޅެއް ފެނުނު ކަމަށް ފުލުހުން ބުންޏެވެ.
އަދި އެ ތަކެތީގެ ވަގުތީ ބަރުދަނުގައި 41.6 ގުރާމު ހުރި ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ގުރުދީޕް ސިންހުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވެއެވެ.
ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.

