ޚަބަރު

ކޮންމެ ކުޑަކުއްޖަކަށް ވެސް ފުރުސަތުތައް ކަށަވަރުކޮށްދޭނަން: ރައީސް 

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރައީސް މުއިއްޒު ކުޑަކުއްޖަކާ ވާޙަކަ ދައްކަވަނީ-- ފޮޓޯ/ ރައީސް އޮފީސް

ކޮންމެ ކުޑަކުއްޖަކަށް ވެސް ފުރުސަތުތައް ކަށަވަރުކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު އެފަދައިން ވިދާޅުވީ މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ކުޑަކުދިންގެ ދުވަހާ ގުޅިގެން އެމަނިކުފާނުގެ ރަސްމީ އެކައުންޓުން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި ކުޑަކުދިންނަށް، ރައްކާތެރިކަމާއި، އަބުރުވެރިކަމާއި، ފުރުސަތުތައް ކަށަވަރުކޮށްދިނުމުގައި ދިވެހިން ތިބީ އެއް އަޒުމެއްގައި ކަމަށެވެ.

އެމަނިކުފާނުގެ މެސެޖުގައި ދިވެހި ކުޑަކުދިން ސިފަކުރައްވާފައިވަނީ، މި ގައުމުގެ އުންމީދު އަދި ފާގަތި މުސްތަގުބަލެއްގެ ބިންގަލުގެ ގޮތުގައެވެ. އަދި ކޮންމެ ކުއްޖަކަށްވެސް، އެކުއްޖެއްގެ ފުރިހަމަ ގާބިލިއްޔަތަށް ވާސިލުވެވޭނޭ ފަދަ ވެއްޓެއް ގާއިމުކުރުމަށްޓަކައި، މުޅި މުޖުތަމައު ގުޅިގެން މަސައްކަތްކުރުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވި އެވެ.

ބައިނަލްއަގުވާމީގޮތުން ފާހަގަކުރާ ކުޑަކުދިންގެ ދުވަހުގެ މުނާސަބުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުވެސް ވަނީ، އެކަމަނާގެ އެކްސް އެކައުންޓުން މެސެޖެއް ހިއްސާކުރައްވާފައެވެ.

އެކަމަނާގެ މެސެޖުގައި ވަނީ، ކުޑަކުދިންގެ ވާހަކަތައް ކަނުލައި އަޑުއަހައި، އޯގާތެރިކަމާއެކު އެކުދިންނާ މުއާމަލާތުކުރުމަށް އިލްތިމާސްކުރައްވާފަ އެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ކުޑަކުދިންގެ ހިތްވަރާއި، އުފެއްދުންތެރިކަމަށް އިޝާރާތްކުރައްވައި، ކުޑަކުދިންގެ ޝުއޫރުތަކާއި ހިޔާލުތަކަށް އިހުތިރާމު ހައްގުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

އަދި ކުޑަކުދިންނަށް މާނަވީ ގޮތެއްގައި ފުރުސަތުތައް ހޯދައިދީ، އުންމީދުން ފުރިގެންވާ މުސްތަގުބަލެއްގެ ތަސައްވުރު، އެކުދިންނަށް ހޯދައިދިނުމަކީ ޖަމައީ މަސްއޫލިއްޔަތެއްކަން އެކަމަނާ ހަނދުމަފުޅުކޮށްދެއްވި އެވެ.

ކޮންމެ އަހަރެއްގެ ނޮވެންބަރު މަހުގެ 20ވަނަ ދުވަސް، ކުޑަކުދިންގެ ދުވަހުގެ ގޮތުގައި ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރަނީ، ކުޑަކުދިންގެ ހެވާއި ލާބައަށް މަސައްކަތްކޮށް، އެކުދިންގެ ހައްގުތައް ނެގެހެއްޓުމަށް މުޅި ދުނިޔެ ހިއްސާކުރާ ޒިންމާ ހަނދާންކޮށްދޭ މުނާސަބަތެއްގެ ގޮތުގައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!