ޓެކްސީ ދަފްތަރުގައި ރަޖިސްޓްރީވާ ޑްރައިވަރުންނަށް ހައުސިންގ ސްކީމަށް އެޕްލައި ކުރެވޭނެ: ރައީސް
ޓެކްސީ ދަފްތަރުގައި ރަޖިސްޓްރީވާ ޑްރައިވަރުންނަށް ސަރުކާރުގެ ހައުސިންގ ސްކީމަށް އެޕްލައި ކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މައްޗަންގޮޅީގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޓެކްސީ ޑްރައިވަރުންނަށް ބޯހިޔާވަހިކަން ހޯއްދަވައި ދެއްވުމަކީ އެމަނިކުފާނުގެ ވަޢުދެއްކަމަށާއި ޓެކްސީ ދުއްވާ ފަރާތްތަކުގެ ދަތިތަކަށް ޙައްލު ހޯދައި ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ޓެކްސީ ޑްރައިވަރުންގެ ދަފްތަރުގައި ރަޖިސްޓަރ ވުމަށް މިހާރު ހުޅުވާލެވިފައިވާނެ ކަމަށާއި 10 އަށް ވުރެ ގިނަ ޑްރައިވަރުން މިހާރު އެ ދަފްތަރުގައި ޖެހިއްޖެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ޓްކްސީ ޑްރައިވަރުންގެ ދަފްތަރަކީ ޤާނޫނީ ހައިސިއްޔަތެއް ލިބިފައި އޮންނަ ދަފްތަރެއް. އޭގައި ޖެހުނީމަ، މި ލިބޭ ފުރުސަތުތަކަކީ ހައުސިންގ ސްކީމްތަކަށް އެޕްލައި ކުރުން." ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ދަފްތަރުގައި އޮންނަ އުސޫލުން ކޮންމެ މަހަކު ނުވަތަ ކޮންމެ ހަފްތާއަކު ލިބެންޖެހޭ މުސާރަ ލިބޭނެކަމަށާއި ޢާއިލާތަކާ އެކު ވަގުތު ހޭދަކުރުމަށް ފުރުސަތު ލިބި، އަބުރުވެރި ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި ޓެކްސީ ޚިދުމަތްތައް ލިބިގަންނަ ފަރާތްތަކަށް ވެސް ރަނގަޅު ޚިދުމަތެއް ލިބޭނެކަމަށާއި މިއީ ތިމާވެއްޓާ ރައްޓެހި ޚިދުމަތެއްކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުން މި ޓެކްސީ ލައިން އޮޕަރޭޓް ކުރުމަށް ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާއެވެ.

