ޚަބަރު

މި ކުރަނީ ބާރުގަދަ ކޮޅިގަނޑެއްގެ ވިއްސާރަ، މޫސުން އަލިވާނީ ހޯމައިން ފެށިގެން: މެޓް

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފޮޓޯ: ދެން މީޑިއާ

މިހާރު ކުރަމުން މިދަނީ ބާރުގަދަ ކޮޅިގަނޑެއްގެ ވިއްސާރަކަމަށާއި މޫސުން އަލިވާން ފަށާނީ ހޯމަ ދުވަހުން ފެށިގެންކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަ ދައްކަވަމުން މީޓްރޮލޮޖިސްޓް ހުސައިން ވަހީދު ވިދާޅުވީ، ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ އެކި ހިސާބަށް މޫސުން ގޯސްވާނެކަމަށާއި ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށާއި އުތުރާއި ދެކުނުގެ އަތޮޅުތަކަށް 10 މޭލާއި 20 މޭލާ ދެމެދުގެ ބާރު މިނެއްގައި ވައިޖެހި، ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވާނެކަމަށް ވެސް ލަފާ ކުރެވޭކަމަށެވެ.

"މިއީ ސްރީލަންކާ ކައިރީގައި އުފެދިފައިވާ ކޮޅިގަނޑެއް. މި ކޮޅިގަނޑުގައި ވަނީ ގިނަ އަދަދަކަށް ވިއްސާރަ ވިލާ އުފެދިފައި. ރާއްޖޭގެ އެހެން ސަރަހައްދުތަކަށް ވުރެ، މެދުރާއްޖެތެރެއަށް މޫސުން ގޯސްވާނެ. އެ ސަރަހައްދުގެ ކަނޑުތައް ވެސް ޢާންމުކޮށް ގަދަވާނެ. އުތުރާއި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ." ހުސައިން ވަހީދު ވިދާޅުވިއެވެ.

ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި ސަލާމަތީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް ދިފާއީ ބާރުން އިލްތިމާސްކުރެއެވެ. އަދި ކަނޑު ދަތުރުފަތުރުތަކުގައި ކޮންމެހެން ކުރަންޖެހޭ ދަތުރެއް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށް ވެސް ޤައުމީ ދިފާއީ ބާރުން އިލްތިމާސްކުރެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!